30 Jul 2013, 12:37
ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން ނުވަ މީހަކާއި ދެ ކުއްޖެއްގެ މައްޗަށް ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި އެވެ.
މިދިޔަ މެއި 19 ވަނަ ދުވަހުގެރޭ އިރުއޮއްސުނު ވަގުތު ހިންގި މާރާމާރީއެއްގައި ޒުވާނަކު ޒަޚަމްކޮށްލި މައްސަލައާ ގުޅިގެން ދައުވާ ކުރުމަށް ފޮނުވާފައިވަނީ ޅ.ހިންނަވަރު، ސެލް، އަނަސް ހުސައިން 19، އާއި ގއ.ދެއްވަދޫ، ދޭލިޔާގެ، މިދުހަތު އިބްރާހީމް 18، އާއި ދަފްތަރު، މުހައްމަދު ފަރީދު 18 ގެ މައްޗަށެވެ.
އެމީހުންގެ އިތުރުން ހއ.ބާރަށް، މުޝްތަރީގެ، ހާނިފް އިމްތިޔާޒް 18، އާއި ގއ.ވިލިނގިލި، ޕާމްޝޭޑް، ޝިފާން ޖަމީލް 20، އާއި ސ.މަރަދޫ، ހުދުހިރި، އަހުމަދު މަފާޒް 26، ގެ އިތުރުން ގއ.ކޮނޑޭ، ދާރުލްގަރާރު، އަބުދުﷲ ނާސިހް 18، އާއި ގދ.ރަތަފަންދޫ، އަލިވާގެ، ޢަބްދުލްމުހައިމިން އަހްމަދު 20، އާއި ގއ.ދާންދޫ، ތިރުގެ، ނަފީލް ޢަބްދުލްޤާދިރު 27، ގެ އިތުރުން ޢުމުރުން 18 އަހަރުން ދަށުގެ ދެ ކުއްޖެއްގެ މައްޗަށެވެ.
އަލޯރާ ފިހާރަ ކުރިމަތީގައި ހުންނަ އިލެކްޓްރޯނިކްސް ފިހާރައެއްގެ ތެރެއަށް ގުރޫޕަކުން ވަދެ އެ ޒުވާނައަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމް ކޮށްލާފައިވަނީ އޭނާ އެ މީހުންނަށް ފިލަން ވެގެން ގޮސް ފިހާރައިގެ ކައުންޓަރު ތެރޭގައި އޮއްވަ އެވެ. އެ ހަމާލާގައި އޭނާގެ ހަށިގަނޑުގެ ދެ ތަނަކަށް ވަޅިހަރައި ޒަޚަމްކޮށްލައިފައިވެ އެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި 11 މީހުންގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.