30 Jul 2013, 12:14
ޤާހިރާ (ޖުލައި 30): މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީއާ ބައްދަލުކުރެއްވުމަށް ޓަކައި ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވެރިޔާ ކެޓްރިން އެޝްޓަން ޑރ. މުރުސީ ހައްޔަރު ކޮށްފައި ހުންނެވި ތަނަށް ވަޑައިގަތުމުގެ މަގުމަތީގައިވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.
މިސްރުގެ ބައެއް މަސްއޫލުވެރިންނާ ޙަވާލާދީ އެޖެންސީ ފްރާންސް ޕްރެސް ބުނި ގޮތުގައި ގާހިރާ އަށް މިހާރު ވަޑައިގެން އުޅުއްވާ ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވެރިޔާ ކެޓްރިން އެޝްޓަން، މިސްރުގެ މިހާރުގެ އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވައި ޑރ. މުރުސީއާ ބައްދަލުކުރައްވަން އެދިވަޑައިގެންނެވުމުން އެފުރުސަތު އޭނާ އަށް ދިނުމަށް މިސްރުގެ ވަގުތީ ސަރުކާރުން ނިންމާފައިވާ ކަމުގަ އެވެ. އަދި އެޝްޓަން މިހާރު އުޅުއްވަނީ މުރުސީ ހައްޔަރުކޮށްފައި ހުންނެވި ތަނަށް ވަޑައިގަތުމުގެ މަގުމަތީގައި ކަމަށް ވެސް އޭއެފްޕީ ޚަބަރު ދެ އެވެ.
މުރުސީ މިހާރު ހުންނެވީ ކޯޓު އަމުރެއްގެ ދަށުން 15 ދުވަހުގެ މުއްދަތަށް ހައްޔަރުކޮށްފައި ކަމަށާ އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ބެލެވެނީ ކުރީގެ ރައީސް ހުސްނީ މުބާރަކް ވެސް ހުންނެވި ޤާހިރާގެ ތުއްރާ ޖަލުގައި ކަމަށް މިސްރުގެ ވަގުތީ ސަރުކާރުގެ ދާޚިލީ ވަޒީރު ވިދާޅުވެފައިވެ އެވެ. މިމަހުގެ ތިން ވަނަ ދުވަހު މިސްރުގެ ސިފައިން މުރުސީގެ ވެރިކަން ވައްޓާލުމަށް ފަހު އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ. އެޝްޓަން ވަނީ ޑރ. މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިސްލާމީ ފިކުރުގެ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތާ ދެކޮޅަށް މިސްރުގެ ސަލާމަތީ ހިންގަމުންގެންދާ ހިންގަމުންގެންދާ ހަރުކަށި ޢަމަލުތައް ހުއްޓާލުމަށް ގޮވާލައްވާފަ އެވެ. އެޝްޓަން ވަނީ ޑރ. މުރުސީގެ އިޚްވާން ޖަމާއަތުގެ އިސްބޭފުޅުންނާ ވެސް ބައްދަލުކުރައްވާފަ އެވެ.
ޤާހިރާއަށް ވަޑައިގެން ދެއްވި ބަޔާނެއްގައި އެޝްޓަން ވިދާޅުވެފައި ވަނީ ޑރ. މުރުސީގެ އިޚްވާނުލްމުސްލިމޫން ޖަމާއަތާ ދެކޮޅަށް ހިންގަމުންގެންދާ ހަރުކަށި ޢަމަލުތަކަކީ ގަބޫލުކުރެވޭނެ އަމަލުތަކެއް ނޫން ކަމަށާ މިޢަމަލުތައް ހުއްޓާލަން ޖެހޭ ކަމުގަ އެވެ. އަދި މިސްރުގެ ސިޔާސީ ކަންތައްތަކުން އިޚްވާން ޖަމާއަތް އެކަހެރި ކުރެވިގެން ނުވާނެ ކަމަށާ މިސްރުގެ ވަގުތީ ސަރުކާރުން އިންސާނީ ހައްޤުތަކަށް އިޙްތިރާމް ކުރުމަށް ވެސް ކެޓްރިން އެޝްޓަން ވަނީ ގޮވާލައްވާފަ އެވެ.
މުރުސީގެ ވެރިކަން އަލުން އިޢާދަކުރުމަށް ގޮވާލައި އޭނާގެ ސަޕޯޓަރުން ޤާހިރާގައި ކުރަމުންގެންދިޔަ މުޒާހަރާތަކަށް ބަޑިޖެހުމުގެ ސަބަބުން ފާއިތުވި ދެތިންދުވަހު 139 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މުރުސީގެ ސަޕޯޓަރުންގެ ގަޔަށް ބަޑިޖެހިކަމުގެ ތުހުމަތު ކުރެވިފައި ވަނީ މިސްރުގެ ސިފައިންނާއި ފުލުހުންގެ މައްޗަށެވެ. އެމެރިކާ ވެސް ވަނީ އިންސާނީ ހައްޤުތަކަށް އިޙްތިރާމް ކުރުމަށް މިސްރުގެ ސަރުކާރަށާއި ސަލާމަތީ ބާރުތަކަށް ގޮވާލާފަ އެވެ. ނަމަވެސް މިސްރުގެ ސިފައިން މުރުސީ ވެރިކަމުން ދުރުކުރުމަކީ ޢަސްކަރީ އިންގިލާބެއް ކަމަށް ނިންމުމަށް އެމެރިކާ ވަނީ ދެކޮޅު ހަދާފަ އެވެ. އަދި މުރުސީގެ ވެރިކަން ވައްޓާލުމަކީ އެމެރިކާގެ މަސްލަޙަތު ވެސް އޮތްކަމަށް ބައެއް ފަރާތްތަކުން ދެކެ އެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން މިސްރުގައި ހިނގަމުންދާ އާދަޔާ ޚިލާފު ހަމަނުޖެހުންތަކުގައި 141 މީހަކު މަރުވެ އެއްހާހަށް ވުރެ ގިނަމީހުން ޒަޚަމްވެފައިވާ އިރު ސުލްޙަވެރި މުޒާހަރާތަކަށް ބަޑިޖަހައި މީހުން މެރުމުގެ ޖަރީމާ ހިންގި ކަމުގެ ތުހުމަތު ވަނީ މިސްރުގެ ސިފައިންނާއި ފުލުހުންގެ މައްޗަށް ކުރެވިފަ އެވެ. (ނޫސްއެޖެންސީތައް)