30 Jul 2013, 12:04
ސްްކޫލްގައި ބޭއްވި އާޓް އެގްޒިބިޝަންއެއްގައި "ރަސިލީ" ސުޕާރީ ހުސްކުރި ޕެކެޓްތަކެއް ބޭނުންކޮށްގެން ފަރުމާކޮށްފައިވާ ހެދުމެއް ހުށަހަޅައިދިން ތުއްތު ކުއްޖަކަށް އައިޕެޑް މިނީއެއް ލިބިއްޖެ އެވެ.
އަހުމަދިއްޔާ ޕްރީސްކޫލްގެ ބޭބީ ނާޝަރީގައި ކިޔަވަމުން އަންނަ އީޝަލް މުހައްމަދު އިމާދު އެ ހެދުން ލާފައި ވަނީ ތިމާވެއްޓާ ވީހާ ވެސް ރަހުމަތްތެރި އެއްޗެއް ސްކޫލްގައި ބޭއްވި އެގްޒިބިޝަންއެއްގައި ދައްކާލުމުގެ ބޭނުމުގަ އެވެ. އީޝަލް އެ ހެދުން ލައިގެން ނަގާފައިވާ ފޮޓޯ ވަނީ ފޭސްބުކްގައި ވަރަށް ގިނަ ބަޔަކު ޝެއާކޮށް ލައިކްކޮށް ހަދައިފަ އެވެ.
ރަސިލީ ސުޕާރީ ރާއްޖެ އެތެރެކުރާ ހަނީކޯނާގެ މާކެޓިން މެނޭޖަރު އިސްމާއިލް ހިޝާމް މިއަދު ވިދާޅުވީ އީޝަލް އަށް ހަނީ ކޯނާގެ ފަރާތުން އިނާމެއްގެ ގޮތުގައި އައިޕެޑް މިނީއެއް ދިނީ އެކުންފުނީގެ ޕްރޮޑަކްޓެއް ތިމާވެއްޓާ އެހާ ރައްޓެހި ގޮތަކަށް ބޭނުން ކުރުމުގެ ސަބަބުން އެކުންފުންޏަށް އެހާ ބޮޑު ސަމާލު ކަމެއް ލިބިފައި ވާތީ އެކަން ފާހަގަކުރުމަށް ކަމަށެވެ.
"އެއްވެސް ގޮތަކަށް އަޅުގަނޑުމެންނަށް އެނގިގެން ހަދާފައިވާ އެއްޗެއް ނޫން އެއީ. ފޭސްބުކް އިން އީޝަލްގެ ފޮޓޯ ފެނިގެން އަޅުގަނޑުމެންގެ ކުންފުނީގެ ފޭސްބުކް ޕޭޖްގައި އޭނާއާ ބެހޭ މައުލޫމާތު ހޯދުމަށް ޖަހައިގެން އެކުއްޖާ ހޯދުނީ،" ހިޝާމް ވިދާޅުވި އެވެ.
އީޝަލް އަށް އައިޕެޑް މިނީ ހަވާލުކޮށްފައި ވަނީ ހަނީ ކޯނާގެ ފަރާތުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އީޝަލްގެ މަންމަ ފާތުމަތު ނުޒުހާ މިއަދު ބުނި ގޮތުގަައި އެފަދަ ހެދުމެއް އޭނާގެ ދަރިފުޅު ލެއްވުމަށް ތައްޔާރުކުރީ އުކާލާ އެއްޗެހި ބޭނުންކޮށްގެން "ޔުނީކް" އެއްޗެއް ތައްޔާރުކުރުމުގެ ގޮތުން ކަމަށާއި އެ ހެދުން ފަރުމާކޮށްފައި ވަނީ ފިރިމީހާގެ މަންމަ ކަމަށެވެ. އަދި އެ ހެދުމަކީ މީގެ އެއް އަހަރު ކުރިން ވެސް ސްކޫލްގައި ބޭއްވި އެގްޒިބިޝަންއެއްގައި ބޭނުންކުރުމަށް ފަހު މިއަހަރު ވެސް ބޭނުންކުރި ހެދުމެއް ކަމަށް ވެސް އޭނާ ބުންޏެވެެ.
"ޔުނީކް އެއްޗެއް ހެދުމުގެ ބޭނުމުގައި އެފަަދަ ހެދުމެއް ހެދީ މީގެ އަހަރެއް ކުރިން، އޭރު ވެސް އެފްބީ އަށް ފޮޓޯ ލީން، މި ރޯދަ މަހު އެހާބޮޑަށް ފޮޓޯ އަށް ސަމާލުކަމެއް ލިބުނީ. ހިތަކަށް ވެސް ނާރާ އެގޮތަށް ފާހަގަކުރެވިގެންދާނެ ކަމަކަށް،" ނުޒުހާ ބުންޏެވެ.