ސެޕްޓެމްބަރު 1 އިން 11 އަށް ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފަވާ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގައި ރާއްޖެއާއެކު އެންމެ ފަހުގެ ރަނަރަޕް އަފްޣާނިސްތާނާއި ސްރީ ލަންކާ އަދި ބޫޓާން ލައްވާލައިފި އެވެ.

މިއަދު ހެނދުނު ނޭޕާލްގެ ސޮލްޓީ ކްރައުން ޕްލާޒާގައި ނެގި ގުރުގައި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިންޑިޔާއާއި، މުބާރާތް ބާއްވާ ނޭޕާލް، އަދި ޕާކިސްތާނާއި ބަންގުލާދޭޝް ލައްވައިލީ ގްރޫޕް އޭގަ އެވެ. އެހެން ކަމުން މިފަހަރުގެ "ގްރޫޕް އޮފް ޑެތު" ނުވަނަތަ މަރުގެ ގްރޫޕަކީ ގްރޫޕް އޭ އެވެ.

ރާއްޖެ ލައްވައިލި ގްރޫޕް ބީގައި އަވައްޓެރި ސްރީލަންކާ ހިމެނުނު ކަމުގައިވީ ނަމަވެސް އެ ގްރޫޕްގައި ރާއްޖެއަށް އުނދަގޫ ކުރިމަތިލުމަކާ ޖެހޭނޭ ކަމަށް ގަބޫލު ކުރެވެނީ، އަފްޣާނިސްތާން އެވެ. ހަނގުރާމައިގެ ބިރުވެރި ކަމުގެ ތެރޭގައި ޒަމާންތަކެއް ވަންދެން ކުޅިވަރުތައް މަޑުޖެހިފައި އޮތް ނަމަވެސް އަފްޣާން ވަނީ 2011 ވަނަ އަހަރުގެ ސާފްޗެމްޕިއަންޝިޕްގައި ހައިރާން ކުރުވަނިވި ނަތީޖާތަކެއް ނެރެގެން، މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

އެހެން ނަމަވެސް ރާއްޖެއާއި އަފްޣާންގެ އެންމެ ފަހުގެ ކުރިމަތި ލުމުގައި 2009 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ގްރޫޕް ސްޓޭޖްގައި ރާއްޖެ ވަނީ 3-1އިން އަފްޣާންގެ މައްޗަށް ކުރި ހޯދާފަ އެވެ.

ސާކް ސަރަހައްދުގެ އަށް ގައުމު ބައިވެރިވާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 50000 ޑޮލަރުގެ ފައިސާގެ އިނާމް ހުށަހެޅިފައިވާއިރު މުބާރާތުގެ ރަނަރަޕް ޓީމަށް 25000 ޑޮލަރު ލިބޭނެ އެވެ. އަދި ހަމަ އެހެންމެ މުބާރާތުގެ ތިންވަނައާއި ހަތަރުވަނައަށްދާ ދެޓީމަށް 10000 ޑޮލަރު ލިބޭނެ އެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓީވީ ބްރޯޑްކާސްޓާއަކީ އީއެސްޕީއެން ސްޓާ ސްޕޯޓް އެވެ.