30 Jul 2013, 11:43
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2011 ވަނަ އަހަރު އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި ބޭއްވި ސާކް ސަމިޓާ ގުޅޭ ގޮތުން އޮޑިޓާ ޖެނަރަލް ނެރުއްވި ރިޕޯޓާ ދެކޮޅަށް އެމްޑީޕީން ވާހަކަ ދައްކައިފި އެވެ.
އެމްޑީޕީ އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ ސާކް ސަމިޓާ ގުޅޭ ގޮތުން އޮޑިޓާ ޖެނަރަލް ނެރުއްވާފައިވާ ރިޕޯޓަކީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ނެރުއްވާފައިވާ ރިޕޯޓެއް ކަމަށެވެ. އަދި ވިދާޅުވީ އެ ރިޕޯޓުގައިވާ ބައެއް އަދަދުތަކަކީ ސައްހަ އަދަދުތަކެއް ނޫން ކަމަށެވެ.
"ސާކް ސަމިޓާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ވަރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި އެބަވޭ. އެގޮތުން ދައުލަތަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް އަދި ނަހަމަ ގޮތުގައި ކަންތައްތަކެއް ކޮށްފައިވާ ކަމަށް އަދި ވަރަށް ބޮޑެތި ހަރަދުތަކެއް ނޭނގި ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނަރަލް ރިޕޯޓުގައި އެބަ ފާހަނގަ ކުރައްވާ. އަޅުގަނޑުމެން އެ ރިޕޯޓް ދިރާސާކޮށްފިން. އެ ރިޕޯޓުގައި ހުރި ބައެއް އަސާސީ ކަންތައްތައް ރިޕޯޓުގައި އެބަހުރި ދޮގުކޮށް ހިމަނާފައި ސައްހަ ނޫންކޮށް ހިމަނާފައި. އަދި ބައެއް ކަންތައްތައް އޭގައި ހުރީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ހިމަނާފައި،" އަސަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސާކް ސަމިޓް ބޭއްވުމަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅި އަދަދަށް ވުރެ އިތުރަށް އެކުވެރި ދައުލަތްތަކުން ވެސް އެހީދީފައިވާ ކަމަށެވެ. އެހެން ނަމަވެސް އޮޑިޓާ ޖެނަރަލް ރިޕޯޓުގައި އެ ކަންތައްތައް ފާހަގަކޮށްފައި ނުވާ ކަމަށެވެ.
"ސާކް ސަމިޓަށް ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައި ވަނީ 231 މިލިޔަން ރުފިޔާ އޮޑިޓާ ޖެނަރަލް ރިޕޯޓުގައި ބުނެފައިވާ ގޮތުން، ސާކް ސަމިޓަށް މުޅި ޖުމްލަ ހަރަދުވެފައިވާ މިންވަރަކީ 667 މިލިޔަން ރުފިޔާ ކަމަށް. އެހެންވެއްޖީއްޔާ 436 މިލިޔަން ރުފިޔާ އިތުރަށް ބޭނުން ކުރެވިފައިވާ ކަމަށް އޮޑިޓާ ޖެނަރަލް އެ ވިދާޅުވަނީ. އޮޑިޓާ ޖެނަރަލް އެހެން އެ ވިދާޅުވަނީ އެކުވެރި ދައުލަތްތަކުން ފައިސާގެ ގޮތުގައި ދެއްވި އެހީ އާއި އަދި ތަކެތީގެ ގޮތުގައި ދެއްވި އެހީގެ ވާހަކައެއް އަދަދުތަކެއް ޖުމްލަ ހެއްދެވުމުގައި ހިމަނާފައެއް ނެތް. އިންޑިއާ ސަރުކާރުން 267 މިލިޔަން ރުފިޔާ އެހީގެ ގޮތުގައި ދެއްވާފައިވޭ. ކޮރެޔާ ސަރުކާރުން ތިން މިލިޔަން ރުފިޔާ އެހީގެ ގޮތުގައި ދެއްވާފައި އެބަވޭ. އަދި ޓްރަސްޓް ފަންޑަކުން ދެ މިލިޔަން ރުފިޔާ ދެއްވާފައިވޭ. މީގެން އެއްވެސް އެއްޗެއް އޮޑިޓާ ޖެނަރަލް ރިޕޯޓުގައި ހިމަނާފައެއް ނުވޭ،" އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވީ އެކުވެރި ދައުލަތްތަކުން ދެއްވި އެހީއާއި ދައުލަތުގެ ބަޖެޓުން ހަރަދު ކުރި ފައިސާ މުޅި ޖުމްލަ ހަރަދުކޮށްފައި ވަނީ 667 މިލިޔަން ރުފިޔާ ކަމަށާއި އަދި އެ ފައިސާ އުނިކުރުމުން އިތުރަށް ބޭނުންކޮށްފައި ވަނީ 167 މިލިޔަން ރުފިޔާ ކަމަށެވެ. އަދި އެ ހަރަދު ކޮށްފައި ވަނީ ދައުލަތުޔުގެ ކޮންޓެންޖެންސީ ބަޖެޓުން ކަމަށެވެ.
އަސްލަމް ވިދާޅުވީ ސާކް ސަމިޓްގެ އޮޑިޓް ރިޕޯޓާ ގުޅިގެން އެމްޑީޕީގެ ފަރާތުން އިއްޔެ ހަވީރު އޮޑިޓާ ޖެނަރަލްއާ ބައްދަލުކޮށް އެކަން އޮޑިޓާ ޖެނަރަލްގެ ސަމާލުކަމަށް ގެންނެވި ކަމަށެވެ. އަދި އަލުން އެ އޮޑިޓް ރިޕޯޓް ދިރާސާ ކުރުމަށް އެދުނު ކަމަށް އަސްލަމް ވިދާޅުވި އެވެ. އެހެން ނަމަވެސް މިހާރު ސާކް ސަމިޓާ ގުޅޭ ގޮތުން ނެރުއްވާފައިވާ ރިޕޯޓް އަލުން ދިރާސާކޮށް އެ ރިޕޯޓަށް އެއްވެސް ބަދަލެއް ގެންނަން އޮޑިޓާ ޖެނަރަލް ބޭނުންފުޅު ނުވާ ކަމަށް އެބޭފުޅުންނަށް އޮޑިޓާ ޖެނަރަލް ވިދާޅުވި ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
ސާކް ސަމިޓާ ބެހޭ ގޮތުން އޮޑިޓާ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ވިދާޅުވެފައި ވަނީ ވުޖޫދުގައި ނެތް ކުންފުނިތަކަށް ވެސް ފައިސާ ދޫކޮށްފައިވާ ކަމަށެވެ. އަދި ކޮންވެންޝަން ސެންޓަރުގެ ގޯތި ތެރޭގައި ގާ އެތުރުމުގެ މަސައްކަތް ސިފައިން ލައްވައި ކުރުވުމަށް ފަހު ގަވާއިދާ ހިލާފަށް ސަދަން ޔުޓިލިޓީސް އަށް 5.1 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އަދި ކުރީގެ ފައިނޭންސް މިނިސްޓަރު އަލީ ހާޝިމާއި ރައީސް އޮފީހުގެ ކުރީގެ ފައިނޭންސް ސެކްރެޓަރީ އަހުމަދު މައުސޫމު އަދި ކުރީގެ އެކޮނަމިކް މިނިސްޓަރު މަހަމޫދު ރާޒީގެ ހިއްސާ އޮންނަ ލިންޓެލް އިންވެސްޓްމަންޓަށް 1.8 މިލިއަން ރުފިޔާ މާލިއްޔަތު ގަވައިދާ ހިލާފަށް ދީފައިވާ ކަމަށެވެ. އަދި ވިލާ ޝިޕިން އަށް ވެސް ގަވާއިދާ ހިލާފަށް 2.4 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.
އަދި އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފައިވާ ގޮތުގައި، ސާކް ސަމިޓުގެ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއް ރާވައި ހިންގުމުގެ މަސައްކަތް އިއުލާން ކުރުމަކާއި ނުލައި، 5.2 މިލިއަން ރުފިޔާ އަށް މޯލްޑިވްސް އެންޓަޓެއިންމެންޓް ކޮމްޕެނީ ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ސާކް ސަމިޓްގައި މުނުފޫހި ފިލުވުމުގެ ހަރަކާތްތައް ހިންގުމަށް ދައުލަތުގެ މާލިއްޔަތު ގާނޫނާ ހިލާފަށް 16.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.
ަަދައުލަތުގެ މާލިއްޔަތު ގާނޫނު ބުނާ ގޮތުން ބޭރުން ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ އާއި އެ ނޫން ފައިސާ ވެސް ހަރަދުކުރަން ޖެހޭނީ މާލިއްޔަތު ގާނޫނާ އެއްގޮތަށެވެ.