30 Jul 2013, 11:37
ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ)، 45،ގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާގެ ޝަރުއީ ހުރިހާ އަޑުއެހުންތައް ނިންމާލައިފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުންނާއި ހޯރައިއްބެގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ދެން އޮންނާނީ އެ މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީހެވެ.
މަނިކު ވިދާޅުވީ އެ ޝަރީއަތުގެ މަޖިލީސް ބާއްވާނެ ދުވަހެއް އަދި ތާވަލުކޮށްފައި ނުވާ ކަމަށެވެ.
ހޯރައިބެގެ މައްޗަށް ދައުވާ ސާބިތު ކުރަން ދައުލަތުން ހުށަހެޅި ހަ މީހުންގެ ހެކިބަހާއި ހޯރައިއްބެ ދިފާއުގައި ހުށަހެޅި ފަސް މީހެއްގެ ހެކިބަސް ވެސް މީގެކުރިން ވަނީ ނަގާފަ އެވެ.
ހޯރައިއްބެގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅިތެރޭގައި ހުންނަ ގ. މާވަސްގޭގެ ތެރެއިން އޭނާ ހައްޔަރު ކުރި ހާދިސާއާ ގުޅިގެންނެވެ.
ފުލުހުން ބުނެފައި ވަނީ އެގޭ ކޮޓަރިއެއްގެ ތެރެއިން އޭނާ ހައްޔަރު ކޮށްފައި ވަނީ 17 އަހަރުގެ އަންހެން ކުއްޖަކާ އެކު ބަރަހަނާކޮށް އޮއްވައި ކަމަށެވެ. ނަމަވެސް ހޯރައިއްބެ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.
އޭނާގެ މައްޗަށް ދައުވާކޮށްފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުން އަމަލުކުރުމުގެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން ނެވެ.
އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ހ)ގައި ބުނަނީ ޖިންސީ ނިޔަތެއް އޮވެގެން މީހަކު ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލައިފި ނަމަ އެކުރަނީ ކުށެއް ކަމަށެވެ.
އެ ގާނޫނުގެ ތިން ވަނަ މާއްދާގެ (ނ)ގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.