30 Jul 2013, 11:29
މ. ފެއަރީކޯނާ އަލީ ޝިފާން މަރާލި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި މީހުންގެ ތެރެއިން ތިން މީހެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ހުކުމް ކޮށްފައިވާތީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ދައުލަތުން ދައުވާ އުފުލި ހަ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރި ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައި ވަނީ ތިން މީހެއްގެ މައްސަލަ ކަމަށެވެ.
އެ ތިން މީހުންނަކީ މާލޭ މުނިސިޕަލްޓީގެ ޚާއްސަ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ސިވިލްވަނެސްޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ އިތުރުން މ. ދިންމަނަ އަބްދުﷲ ތިލްމީޒު އެވެ.
އޭނާ ވިދާޅުވީ އަނެއް ތިން މީހުންގެ މައްސަލަ އިސްތިއުނާފު ކޮށްފައި ނުވަނީ އިސްތިއުނާފު ކުރެވޭނެ ތަނެއް ނެތުމުން ކަމަށެވެ.
އެ މީހުންނަކީ ޅ. ކުރެންދޫ މާފަހި މުހައްމަދު އާސިފް އާއި ބ. ތުޅާދޫ ކާނިމާގޭ ރައްޒާން އަބްދުއްރަހްމާންގެ އިތުރުން މ. ނަލަހިޔާމަންޒިން އަލީ ނަބީހު އެވެ.
އެ އެންމެންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ދައުލަތުން ހުށަހެޅި ހެކީން ތަހުގީގު މަރުހަލާގައި އާއި ޝަރީއަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަމަށް ޝަރީއަތަށް ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން ޝުބުހައެއް އެކުލެވޭ ހެކިބަސްތަކެއްގެ މައްޗަށް ބިނާކޮށް މީހެއްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުނުކުރެވޭނެ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އަލީ ޝިފާން މަރުވެފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:45 އެހާކަންހާއިރު ވެސްޓް ޕާކް ރެސްޓޯރެންޓް ކުރިމަތީގައި އޭނާ ހުއްޓައި ސައިކަލްތަކުގައި ދިޔަ ބަޔަކު އޭނާ އަށް ވަޅިން ހަމަލާދިމުގެ ސަބަބުންނެވެ.