10 Nov 2010, 05:49
ޓޫރިސްޓު ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީއެސްޓީ ނެގުމުގެ ގާނޫނުގެ ދަށުން މި އަހަރުގެ ނިޔަލަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނޭ ކަމަށް މީރާ އިން ބުނެފި އެވެ.
ސަންއެފްއެމް އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި މީރާގެ ޑައިރެކްޓަ ޖެނެރަލް، ރެވެނިއު ސާވިސް ފަތުހުﷲ ޖަމީލް މިއަދު ވިދާޅުވީ މި ނޮވެމްބަރު މަހުގެ ހަތަކާ ހަމަ އަށް އެ އޮތޯރިޓީގައި ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވެފައި ވާކަމަށާއި އެހެނަސް ރަޖީސްޓްރީ ނުކޮށް ގިނަ ފަރާތްތަކެއްވާ ކަމަށެވެ.
ފަތުހުﷲ ވިދާޅުވީ މިއަދުގެ މިހާތަނާ ހަމައަށް 800 ފަރާތުން ރަޖިސްޓްރީކޮށްފައިވާ ކަމަށާއި މިހާރު އެ އޮތޯރިޓީ އިން ކުރަމުން އަންނަ މަސައްކަތަކީ އެ ފަރާތްތަކުން ހުށަހަޅާފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއްތޯ ބަލުމުގެ މަސައްކަތް ކަމަށެވެ.
ޖީއެސްޓީގެ ގާނޫނުގެ 37 ވަނަ މާއްދާ ބުނާ ގޮތުން މި އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ރާއްޖޭގައި ހިންގަމުން ގެންދާ ޓޫރިސްޓު ރިސޯޓްތަކާއި ޕިކްނިކް އައިލެންޑްތަކާއި ގެސްޓް ހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކާއި އެ ތަންތަނުގައި ގާއިމުކޮށްފައިވާ ޑައިވިން ސްކޫލްތަކާއި ފިހާރަތަކާއި ސްޕާތަކާއި މޫދު ކުޅިވަރުގެ ހިދުމަތް ދޭ ތަންތަނާއި ޓްރެވަލް އެޖެންސީތަކާއި ޓޫރިސްޓުންނަށް ވައިގެ ދަތުރުފަތުރުގެ ހިދުމަތާއި ޓޫރިސްޓުންނަށް ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދޭ ތަންތަން އެ އިދާރާގައި ރަޖިސްޓްރީކުރަން ޖެހެ އެވެ. އަދި އެ ޓެކްސް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ދައްކަން ޖެހެ އެވެ.
އިނގިރޭސި ވިލާތުގައި ހުންނަވައިގެން ސަންއެފް އެމް އޮންލައިންއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް(މަޓާޓޯ) ގެ ރައީސް ޔޫސުފް ރިއްފަތު ވިދާޅުވީ ޖީއެސްޓީގެ ގާނޫނު މިހާރު އޮތް ގޮތާ މެދު ހިތްހަމަ ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ޓޫރިޒަމްގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތަކަށް އެއްވެސް ގެއްލުމެއް އަދި މައްސަލައެއް ވެސް ދިމާނުވާނޭ ކަމަށެވެ.
ރިއްފަތު އިތުރަށް ވިދާޅުވީ ކިތަންމެ އަވަހަށް އަދި ފަހުންކަމުގައި ވީނަމަވެސް ގާނޫނެއް ތަންފީޒު ކުރަން ޖެހުނަސް އެކަމުގައި ކޮންމެ ވެސް ވަރެއްގެ އުނދަގޫތަކެއް ހުރެދާނޭ ކަމަށާއި އަދި ރައްޔިތުންނާއި ގައުމަށް ފައިދާ އާއި ލާބަ އާއި މަންފާހުރި އެއްވެސް ކަމެއްގައި އެ ބޭފުޅުން ދެކޮޅު ނަހައްދާވާނޭ ކަމަށެވެ. އަދި މިކަމުން ދެ ފަރާތަށް ވެސް ވާނީ ފައިދާ ކަމުގައި ރިއްފަތު ވިދާޅުވި އެވެ.
ޓެކްސް ދެއްކުމުން އެކަހެރި ވުމާއި ޓެކްސްގެ ބަޔާން އޮޅުވާލުން ފަދަ ކަމެއް ކުރާ މީހެއްގެ އަދަބެއްގެ ގޮތުގައި ޖީއެސްޓީގެ ގާނޫނުގައި ކަޑައަޅާފައި ވަނީ 100000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ތިން މަސް ދުވަހާއި 18 މަސް ދުވަހާ ދެމެދު މުއްދަތަކަށް ގޭގައި ބަނދުކުރުން ނުވަތަ ޖަލަށް ލުމާއި ޖޫރިމަނާކުރުމާ އެކުގައި ގޭގައި ބަންދުކޮށް ޖަލަށް ލުމެވެ.
ރާއްޖޭގައި ވިޔަފާރި ކުރަމުންދާ އަމިއްލަ ފަރާތްތަކާއި ކުންފުނިތަކާއި ޕާޓްނަސިޕްތަކުން މި މަހުގެ ނިޔަލަށް ޓެކްސް އޮތޯރިޓީ މީރާގައި ރަޖިސްޓްރީވާން ޖެހެ އެވެ. ޖީއެސްޓީގެ ދަށުން ޓޫރިސްޓު ހިދުމަތް ދޭ ތަންތަނުން ސަރުކާރަށް ދައްކަން ޖެހެނީ އެ ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން 5.3 ޕަސެންޓެވެ.