މާލޭ ދެކުނު ފަރާތުގެ ފަޅުތެރޭގައި އަޅާފައި އޮތް ބޯޓަކުން އެއް ލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ޕޮލިސް މީޑިއާ މެދުވެރިކޮށް ދެއްވި އިންޓަަވިއެއްގައި ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ދާއޫދޫ ވިދާޅުވީ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ލ. އިސްދޫ "ބާބިލް" ނަމަކަށް ކިޔާ ބޯޓަކުން ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ ލ. އިސްދޫ، މަތަރެސްމާގެ ޔޫސުފް މުނާޒް 30، ކަމަށެވެ.

އެ ވައްކަން ކޮށްފައި ވަނީ ބޯޓުގެ އިންޖީނު ރޫމްގެ ތެރޭގައި އޮތް ދަބަހެއްގެ ތެރޭގައި ހުއްޓާ އިންޖީނު ރޫމްގެ ތަޅުދަނޑި ބޭނުންކޮށްގެން ތަޅު ހުުވުމަށް ފަހު އެތެރެއަށް ވަދެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިވައްކަމަކީ ބޯޓުގެ ހަގީގަތް ރަނގަޅަށް އެނގޭ ފަރާތެއް ބައިވެރިވެގެން ކޮށްފައިވާ ވައްކަމެއް ކަން ތަހުގީގަށް ފާހަގަކުރެވުނު. އެގޮތުން ވައްކަން ކުރި މީހަކު ހޯދުމަށް ޓަކައި ބޯޓުގެ ފަޅުވެރިންނާއި ކެޕްޓަންނާ ސުވާލުކޮށް މައުލޫމާތު އެއްކުރުމަށް ފަހު، ބޯޓަށް އާއްމުކޮށް ގޮސް އުޅޭ ފަރާތްތަކުގެ ފޮޓޯ ހޯދައިގެން ކެޕްޓަނަށާއި ފަޅުވެރިންނަށް ދައްކައި އޭގެން ވަކި މީހަކު އައިޑެންޓިފައި ކުރެވުނީ،" ދާއޫދު ވިދާޅުވި އެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި ޔޫސުފް މުނާޒަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ ރެކޯޑްތައް އޮތް މީހެއް ކަމަށާއި ވައްކަމުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން އޭނާ ހޯދި އިރު އޭނާ ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި އަތޮޅު ވެއްސަށް ގެންގޮސްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދާއޫދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ އެ ވައްކަން ކުރި ކަމަށް ތަހުގީގުގައި އިއުތިރާފްވެފައިވާ ކަމަށާއި ބޯޓުން ވަގަށް ނެގި ފައިސާގެ ތެރެއިން 54000 ރުފިޔާ ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބާކީ ހުރި ފައިސާ އިން މަސްތުވާތަކެތި ގަނެފައިވާ ކަމަށް ތަހުގީގުގައި ޔޫސުފް މުނާޒު އިއުތިރާފް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލަތައް ތަކުރާރު ވިޔަ ނުދިނުމަށް ޓަކައި އޮޑިފަހަރަށް ގޮތް ނޭނގޭ ފަރާތްތަކުން ނިދަން އެރިޔަ ނުދިނުމަށާއި އެހެނިހެން ބޭނުން ތަކުގައި ވެސް ނޭރުވުމަށާއި އޮޑިފަހަރު ފަޅުތެރޭގައި އަޅާފައި އޮންނަ އިރު އެ އޮޑިދޯނި ފަހަރުގައި އުޅޭ ބިދޭސީންގެ އަތް މައްޗަށް ދޫކޮށްނުލައި ފައިސާ އާއި އަގުބޮޑެތި ސާމާނުތައް ރައްކާތެރިތަނެއްގައި ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.