ޗައިނާގެ ދަރަނި ބޮޑުވެ އިގްތިސާދީ ދުވެއްޔަށް އައި މަޑުޖެހުމަކާ އެކު އޭގެ ނޭދެވޭ އަސަރު މާލީ އިދާރާތަކަށް ފޯރައިފާނެކަމުގެ ބިރަށްޓަކައި ސަރުކާރުގެ ހުރިހާ މުއައްސަސާއެއް އޮޑިޓްކުރުމަށް ނިންމައިފިއެ އެވެ.

ދުނިޔޭގެ މާލީ ދާއިރާތަކަށް ކުރިމަތިވަމުންދާ ހީނަރުކަމާ އެކު ޗައިނާގެ ތަރައްގީއާއި އިގްތިސާދީ ދުވެލި ހުއްޓުމަކަށް އަޔަ ނުދިނުމަށް ޓަކައި އެގައުމުގެ ލޯކަލް ގަވަމަންޓްތަކުން ވަނީ ބޭންކިން ސެކްޓާތަކުން ގިނަ އަދަދެއްގެ ފައިސާ ދަރަންޏަށް ނަގާފަ އެވެ. އެގޮތުން 2011 ވަނަ އަހަރުގައި ކުރި އޯޑިޓްގައި 2010 ވަނަ އަހަރުގެ ނިޔަލަށް 10.7 ޓްރިލިއަން ޔުއާން (1.7 ޓްރިލިއަން ޑޮލަރު) ދަރަނީގެ ގޮތުގައި ނަގާފައިވާކަމަށްވެ އެވެ. އަދި ލޯކަލް ގަވަމަންޓުގެ ދަރަނިތައް، ޗައިނާގެ ޖީޑީޕީގެ 25 ޕަސެންޓަށް އަރާކަމަށް ވެސް އޮޑިޓް ރިޕޯޓްތަކުން ދައްކަ އެވެ.

ޗައިނާގެ ނޭޝަނަލް އޯޑިޓް އޮފީސް (އެންއޭއޯ)އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދަރަނީގެ ސަބަބުން ޗައިނާގެ އިގްތިސާދީ ކުރިއެރުމަށް ހުރަސްއެޅި، އަދި ލޯކަލް ގަވަމަންޓްތަކަށް އެ ފަރާތްތަކުން ނަގާފައިވާ ދަރަނި އަނބުރާ ނުދެއްކިދާނޭ ކަމުގެ ބިރު ވެސް ހީވެފައިވާ ކަމަށެވެ.

"ސްޓޭޓް ކައުންސިލްގެ އެދުމާއި އެކު އެންއޭއޯއިން މިހާރު މަސައްކަތްކުރަމުން މިގެންދަނީ، ގައުމުގެ ހުރިހާ ކަންކޮޅެއްގައި އޮޑިޓް އޭޖެންސީތަކެއް ގާއިމްކޮށް، ސަރުކާރުގެ ދަރަނީގެ އޮޑިޓެއް ކުރުމަށް،" ޗައިނާގެ އޮޑިޓް އޮފީހުގެ ވެބްސައިޓްގައި ނެރެފައިވާ ބަޔާނެއްގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވެ އެވެ.

ޗައިނާގެ ބޭންކިން ރެގިއުލޭޓަރީ ކޮމިޝަނުން ބުނެފައި ވަނީ، 2010 ވަނަ އަހަރުގެ ނިޔަލަށް ބޭންކިން ސެކްޓާއިން ދަރަނީގެ ގޮތުގައި ދޫކޮއްފައިވާ ފައިސާގެ 80 ޕަސެންޓް ދޫކޮށްފައި ވަނީ ލޯކަލް ގަވަމަންޓްތަކަށް ކަމަށެވެ.

އެންއޭއޯއާއި ޗައިނާގެ ޓޮޕް ލެޖިސްލޭޗާއާ އެކު ބޭއްވި ބައްދަލުވުމެއްގައި، އޮޑިޓާ ޖެނެރަލް ލިއު ޖިއާޔި ވަނީ، ލޯކަލް ގަވަމަންޓުތަކުގެ ދަރަނި އިންދިހާ އަށް ބޮޑުވެގެން ދިޔަ ނުދިނުދީ ހިފެހެއްޓުމަށް ޓަކައި، ލޯކަލް ގަވަމަންޓްތަކުގެ "ޑެޓް މެނޭޖްމަންޓް" ހަރުދަނާކުރުމަށް ގޮވާލައި އިންޒާރު ދެއްވާފަ އެވެ.