30 Jul 2013, 10:12
ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގެ އިރުން އޮންނަ ސަރަހައްދުގައި އަޅާ 200 އެނދުގެ ފަސް ތަރީގެ ހޮޓަލުން ބިމު ކުލީގެ ގޮތުގައި އަހަރަކު ދައްކަން ޖެހޭ މިންވަރު 24،900 ޑޮލަރަށް (383،958 ރުފިޔާ އަށް) ކުޑަވެއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުން ފަސް ތަރީގެ ހޮޓާ އެޅުމަށް ޝަންގްރިއްލާ މޯލްޑިވްސް އަށް 25 އަހަރަށް 3،324 އަކަ މީޓަރުގެ ބިން ކުއްޔަށް ދިނީ އަހަރަކު އެނދަކަށް އެވްރެޖްކޮށް 5،100 ޑޮލަރަށެވެ. ނަމަވެސް ކުރިން އަހަރަކު ދައްކަން ޖެހޭ 761،000 ޑޮލަރު (11.73 މިލިއަން ރުފިޔާ) ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ފަހުން ވަނީ 24،900 ޑޮލަރަށް ކުޑަވެފަ އެވެ.
ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން އެ ބިމުގެ ކުލީގެ ގޮތުގައި 2010 ވަނަ އަހަރު ދައްކަން ޖެހިފައި އޮތީ 761،000 ޑޮލަރެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ލީގަލް އޮފިސަރު ފަސީހު ޒާހިރު ވިދާޅުވީ ޓޫރިޒަމް ގާނޫނަށް އަމަލުކުރަން ފެށުމާ އެކު އެނދު ކުލި އުވާލައި ބިމު ކުލި ކޮންމެ އަކަ މީޓަރަކަށް އަށް ޑޮލަރު ނަގާ ގޮތަށް ހަމަޖެއްސުމާ ގުޅިގެން ޝަންގްރިއްލާ އަށް ދިން ބިމުގެ އިތުރުން ނަސަންދުރަ ޕެލަސް ހޮޓަލުގެ ކުލި ވެސް ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ.
"ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ޖުމްލަކޮށް ހުރިހާ ރިސޯޓަކުންނާއި ހޮޓާ އަޅަން ދިން ބިންތަކުން ލިބެން ޖެހޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް ކުޑަވެފައި. އެ ގާނޫނަށް އިސްލާހު ގެނައުމުގެ ކުރިން ނަސަންދުރަ އާއި ޝަންގްރިއްލާ އިން ބިޑް ހުށަހަޅާފައި ވަނީ އެނދު ކުލީގެ އުސޫލުން،" އޭނާ ވިދާޅުވި އެވެ.
ފަސީހު ވިދާޅުވީ އެ ހޮޓަލުގެ އެނދު ކުލީގެ ގޮތުގައި ހުށަހެޅި މިންވަރުގެ، އެޑްވާންސްގެ ގޮތުގައި ހުށަހެޅި ފަސް މިލިއަން ޑޮލަރުން ބިމު ކުލި ކެނޑެމުންދާނެ ކަމަށެވެ. އަދި އޭގެ ފަހުން ސަރުކާރުން ބިމު ކުލި ދައްކަން ޖެހޭ މިންވަރު ވަނީ ފަސްކޮށްދީފަ އެވެ.
"ޓޫރިޒަމް ގާނޫނަށް އަމަލުކުރަން ފެށުމާ އެކު މިވަނީ އެނދު ކުލީގެ ބަދަލުގައި ބިމު ކުއްޔަށް ބަދަލުވެފައި. މިއީ ދައުލަތަށް ލިބޭ ބޮޑު ގެއްލުމެއް،" ފަސީހު ވިދާޅުވި އެވެ.
ފަސް ތަރީގެ ހޮޓަލެއް އެޅުމަށް 2007 ވަނަ އަހަރު އެޑްވާންސަށް ފަސް މިލިއަން ޑޮލަރު ދައްކާފައިވާ ބިން ޝަންގްރިއްލާ އިން އިން ވަނީ ސ. ހަންކެޑެގައި ރިސޯޓެއް ހަދަމުން އަންނަ ސިންގަޕޫރުގެ ކްރެސެންޑާސް އަށް ވިއްކާލަން ނިންމައިފަ އެވެ.
ދަރުބާރުގޭ އިރުން އޮންނަ ސަރަހައްދުގައި ހޮޓަލެއް އެޅުމަށް ބީލަން ހުށަހެޅީ މާލެ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގަ އެވެ.
ސަރުކާރުން އެތަނުގައި ހޮޓަލެއް އެޅުމަށް ހަވާލުކޮށްފައި ވަނީ އާންމުންނަށް 30 ޕަސެންޓު ހިއްސާ ވިއްކާ ގޮތަށް ވަކި ކުންފުންޏެއް އުފައްދައިގެން ތަރައްގީކުރާ ގޮތަށެވެ.
ޓޫރިޒަމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ވަނީ ކ. މާލޭގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމަށް މާލެ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދޫކޮށްފައިވާ ބިން، ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެގްރީމަންޓުގެ ދަށުން ލިބިފައިވާ އެންމެހައި ހައްގުތައް އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެ ކުންފުނިން ހުށަހަޅުއްވާފައިވާތީ އެ ބިމާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއްވާ ނަމަ، 11 އޯގަސްޓު 2013ގެ ކުރިން އެ މިނިސްޓްރީ އަށް ލިޔުމަކުން އެންގުމަށެވެ.
ޝަންގްރިއްލާ އިން ވަނީ ކުރިން ހޮލިޑޭއިންގެ ނަމުގައި މާލޭގައި ހިންގި ހޮޓާ ގަނެ، ޓްރޭޑާސްގެ ނަމުގައި ހިންގަން ފަށައިފަ އެވެ. އަދި އެ ކުންފުނިން ދަނީ ސ. ވިލިނގިލި ރިސޯޓް ވެސް އޮޕަރޭޓްކުރަމުންނެވެ.