ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރަހީމް ނާޒިމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ޖުމްހޫރީ ޕާޓީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސްގެ މަގާމުންނާއި ކައުންސިލް މެމްބަރުކަމުން އޭނާ އިސްތިއުފާ ދެއްވާފައިވާކަން އާންމުކޮށް އަންގާ ކަމަށެވެ.

އޭނާ ވިދާޅުވީ ޒުވާނުންގެ ގޮފީގެ ރައީސްގެ މަގާމުންނާއި ޕާޓީގެ ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ޒުވާނުންގެ ކެމްޕޭންގެ ކަންތަކާ މަޝްވަރާ ކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ބައްދަލުކުރެއްވުމަށް ތިން ހަފްތާ ވަންދެން ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާތީ ކަމަށެވެ.

ޔާމީނާ އެކު އިތުރަށް ކުރިއަށް ދެވެން ނެތް ކަމަށާއި އެހެންކަމުން ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމަށް ތާއީދު ކުރެއްވުމަށް އޭނާ ނިންމެވީ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ނާޒިމް ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ޕީޕީއެމްގެ ޒުވާނުންނަށް ގޮވާލައްވާފަ އެވެ.