ޅ. ކުރެންދޫ ބަނދަރު ބައްތިތަކުގައި ޕީޕީއެމް އިން ހަރުކޮށްފައި ހުރި ދިދަތައް ކައުންސިލް އިދާރާގެ މުވައްޒަފަކު ނައްޓާލައިފި އެވެ.

ސަން އަށް މައުލޫމާތު ދެމުން ކުރެންދޫ ޕީޕީއެމް ފިނިފެންމާ ގޮފީގެ މެމްބަރު މުހައްމަދު އަބޫބަކުރު ބުނީ ޕީޕީއެމްގެ ދިދަތައް ނައްޓާލާފައި ވަނީ ކުރެންދޫ ކައުންސިލް އިދާރާގެ މުނިސިޕަލް ސާވިސް އޮފިސަރު މުޖުތަބާ މޫސާ އިތުރު ބަޔަކު ގޮވައިގެން ގޮސް މިއަދު މެންދުރު 1:00 އެހައިކަންހާއިރު ކަމަށެވެ.

"މިއަދު މެންދުރު 1:00 އެހައިކަންހާއިރު ކުރެންދޫ ކައުންސިލް އިދާރާގެ މުނިސިޕަލް ސާވިސް އޮފިސަރު މުޖުތަބާ މޫސާ ކައުންސިލް އިދާރާގެ މަސައްކަތު މީހާ ކަމަށްވާ މުހައްމަދު ގާސިމް އާއި މިރަށު ހިރުނދުމާގޭ އަހްމަދު އިބްރަހީމް ގޮވައިގެން ގޮސް އަޅުގަނޑުމެން ޕީޕީއެމް އިން ހަރުކޮށްފައިވާ ދިދަތައް ވަނީ ކޮށާލާފައި،" މުހައްމަދު އަބޫބަކުރު ބުންޏެވެ.

އޭނާ ބުނީ ކައުންސިލްގެ މުވައްޒަފުން އެ ދިދަތައް ނައްޓާލާފައި ވަނީ ޕީޕީއެމް އަށް އެންގުމަކާ ނުލައި ކަމަށާއި އެކަން ހިނގި ގޮތް ބަލައިދިނުމަށް ކައުންސިލް އިދާރާ އަށް މިހާރު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކުރެންދޫ ކައުންސިލްގެ ނާއިބް ރައީސް މުހައްމަދު އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ބަނދަރު ބައްތިތަކުގައި ދިދަ ހަރުކުރިކަމުގެ މައުލޫމަތު ލިބުމާ ގުޅިގެން އެކަން ކުރި ބަޔަކު ހޯދުމަށް ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ އަބްދުލް ވައްހާބު ހުސައިން އަށް އަންގާފައިވާނެ ކަމަށެވެ.

ދިދަތައް ނައްޓާލުމާ ގުޅޭގޮތުން އޭނާ ވިދާޅުވީ އެކަމަކީ ޒިންމާދާރުވެރިޔާ އަބްދުލް ވައްހާބު ބަލަންވާ ވަރަށް ނުބެލުމުން ދިމާވި ކަމެއް ކަމަށެވެ.

"ކައުންސިލަށް މި ލިބުނީ ޝަކުވާއެއް ޕީޕީއެމްގެ ފަރާތުން މިރަށު ބަނދަރު ބައްތިތަކުގައި ދިދަ ހަރުކޮށްފައިވާކަމަށް. ދެން އަޅުގަނޑުމެން ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަބްދުލް ވައްހާބު ހުސައިނަށް އެންގީ އެކަން ކުރި ބަޔަކު ހޯދުމަށް. އަޅުގަނޑުމެން ނާންގަން އެ ދިދަތައް ނައްޓާލުމަކަށް. ޒިންމާދާރުވެރިޔާ ބަލަންވާ ވަރަށް ނުބަލާ،" މުހައްމަދު އަބްދުﷲ ވިދާޅުވި އެވެ.

މިކަމާ ބެހޭގޮތުން ކުރެންދޫ ކައުންސިލް އިދާރާގެ މުނިސިޕަލް ސާވިސް އޮފިސަރު މުޖުތަބާ މޫސާ އަށް ގުޅާލުމުން ވިދާޅުވީ ތަހުގީގު ކުރިއަށްދާތީ އެކަމާ ބެހޭގޮތުން އެއްވެސް ވާހަކައެއް ދެއްކެން ނެތް ކަމަށެވެ.

"ތަހުގީގު ކުރިއަށްދާތީ އެކަމާ ބެހޭ ވާހަކައެއް ދެއްކޭކަށް ނެތް،" މުޖުތަބާ ވިދާޅުވި އެވެ.

ކުރެންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަބްދުލް ވައްހާބު ވިދާޅުވީ ކައުންސިލްގެ ރައީސް އޭނާ އަށް އަންގާފައި ވަނީ ޕީޕީއެމްގެ ދިދަތައް ބަނދަރު ބައްތިތަކުގައި ހަރުކުރީ ކޮންބައެއްތޯ ބަލައިދިނުމަށް ކަމަށެވެ.

އަބްދުލް ވައްހާބު ވިދާޅުވީ އެ ދިދަތައް ނައްޓާލުމަށް މުނިސިޕަލް ސާވިސް އޮފިސަރު މުޖުތަބާ މޫސާ އަށް ވެސް އަދި އެނޫން މީހަކަށް ވެސް އޭނާ އަންގާފައިނުވާނެ ކަމަށެވެ.

"ދިދަތައް ނައްޓާލުމަށް މުނިސިޕަލް ސާވިސް އޮފިސަރު މުޖުތަބާ މޫސާ އަކަށް އަޅުގަނޑެއް ނާންގަން. އަދި އެނޫން މީހަކަށް ވެސް އަޅުގަނޑު އަންގާފައި ނުވާނެ. އަޅުގަނޑު އެގޮތަށް އެންގިއޭ ކިޔާފަ ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް. ކައުންސިލްގެ ރައީސް ހަވާލު ކުރި މަސްއޫލިއްޔަތު އަޅުގަނޑު އަދާކުރަމުން ދަނިކޮށް އެކަމެއް ހިނގީ،" އަބްދުލް ވައްހާބު ވިދާޅުވި އެވެ.

ކުރެންދޫ ކައުންސިލްގެ ނާއިބް ރައީސް މުހައްމަދު އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ފަރާތުން ބަނދަރުބައްތި ތަކުގައި ދިދަ ހަރުކޮށްފައި ވަނީ އެފަދަ ކަންތައް ނުކުރުމަށް ކައުންސިލުން ފާސްކޮށް އިއުލާން ކޮށްފައި ވަނިކޮށް ކަމަށެވެ.

ބަނދަރު ބައްތިތަކާއި ރަށުގެ ހޮޅިދަނޑިތަކުގައި ސިޔާސީ ޕާޓީތަކުގެ ދިދަތައް ހަރު ނުކުރުމަށާއި އަދި ރަށުގެ މަގު ހުރަސްކޮށް ސިޔާސީ ޕާޓީތަކުގެ ބެނާތައް ނުދެމުމަށް އަންގައި ކުރެންދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާންގެ ކޮޕީއެއް ސަން އަށް ވަނީ ލިބިފަ އެވެ.