މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ވައުދުތަކާ އެކު ރައީސް ވަހީދު ނިސްބަތްވާ "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ އިގްތިސާދީ ސިޔާސަތު މިރޭ އިފްތިތާހްކޮށްފި އެވެ.

އެ ސިޔާސަތު އިފްތިތާހްކުރުމަށް ނަސަންދުރާ ޕެލަސް ހޮޓަލުގައި މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ އެ ކޯލިޝަންގެ އިގްތިސާދީ ސިޔާސަތު ބަހާލާފައި ވަނީ މައިގަނޑު ތިން ބަޔަކަށް ކަމަށާއި އެއީ އިގްތިސާދީ ސިޔާސަތުތައް ހަރުދަނާ ކުރުމާއި ވަޒީފާ އިތުރުކުރުމާއި ކުދި ވިޔަފާރިތައް ފުޅާކުރުމާއި އެކްސްޕޯޓް އިތުރުކުރުން ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ އެ މަނިކުފާނެއްގެ ސަރުކާރުގައި އިގްތިސާދީ އަސާސްތައް ހަރުދަނާކުރުމުގެ ގޮތުން އަންނަ އަހަރު ބަޖެޓް ޑެފެސިޓް ތިން ޕަސެންޓަށް ދަށްކުރަން މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އޭރުން އެ ކޯލިޝަންގެ ފަސް އަހަރުގެ ވެރިކަން ނިމެންވާއިރަށް ދައުލަތުގެ ބަޖެޓް ސާ ޕްލަސް ކުރެވޭނެ ކަމަށާއި އަދި ކޮންމެ އަހަރެއްގައި ވެސް އިގްތިސާދީ ގުރޯތު ހަތް ޕަސެންޓަށް ވުރެ ދަށް ނުވާ ވަރަށް ގައުމީ އުފެއްދުންތެރިކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ވަޒީފާ އިތުރުކުރުމަށާއި ސިނާއަތްތައް އިތުރުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ކޯލިޝަންގެ ވެރިކަމެއްގައި ވަޒީފާ ހޯދަން އުޅެ ނުލިބޭ ފަރާތްތަކަށް މާލީ އެހީއެއް ދިނުމަށް ނިންމާފައިވާ އިރު ތައުލީމީ ސަނަދަކާ އެކު ވަޒީފާ ބޭނުންވާ ކުދިންނަށް ވަޒީފާ ހޯއްދަވައި ދެއްވާނެ ކަމަށެވެ. އޭގެ އިތުރުން ޓޫރިޒަމް ޓެކްސް ބޭނުންކޮށްގެން ޓޫރިޒަމް އިޝްތިހާރު ކުރުމަށް މަސައްކަތްކުރައްވާނެ ކަމަށާއި އަދި ރާއްޖޭގެ ތިން ސަރަހައްދެއްގައި ބައިނަލްއަގުވާމީ ފެންވަރުގެ ޕޯޓަކާއި އެއިން ކޮންމެ ސަރަހައްދެއްގައި ސީޕްލޭން ހަބުތަކެއްގެ އިތުރުން އެއާޕޯޓްތައް ގާއިމްކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ރައީސް ވަހީދު ވިދާޅުވީ އެ ކޯލިޝަންގެ ވެރިކަމެއްގައި ރިސޯޓްތައް އިތުރުކުރައްވާނެ ކަމަށާއި އަދި ދޯނި ބަނުމުގެ ސިނާއަތް ކުރިއަރުވާނެ ކަމަށެވެ.

ރައީސް ވަހީދު ވިދާޅުވީ ކުދި ވިޔަފާރިތައް ފުޅާކުރުމާއި އެކްސްޕޯޓް އިތުރުކުރުމުގެ ގޮތުން ކުރެޑިޓް ގެރެންޓީ ސުކީމްތައް ގާއިމްކުރުމާއި ކުދި ވިޔަފާރިތަކަށް ބޭނުންވާ ލޯނުތައް ރަހުނަކާއި ނުލައި ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. އަދި އެއާ އެކު ރާއްޖޭގެ ޕްރޮޑެކްޓްތަކަށް މާކެޓް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

މިރޭގެ އެ ހަފުލާގައި އެމަނިކުފާނާއި ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލާފައިވާ އިރު ސަން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ވަހީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އިންކަމް ޓެކްސް ނުނަގާނެ ކަމަށާއި ރާއްޖޭގެ އިގްތިސާދީ ހާލަތު އޮތީ އިތުރު ޓެކްސްތައް ނަގާ ހާލަތެއްގައި ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި ސަބްސިޑީގެ އުސޫލުތަކަށް ބަދަލުގެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.