30 Jul 2013, 00:01
ކުއާލަލަންޕޫރު (ޖުލައި 29): ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު ރޮންމަކެރޯ ރަސްމީ ދަތުރުފުޅެއްގައި މެލޭޝިޔާ އަށް ވަޑައިގެންފި އެވެ.
މިއީ މިދިޔަ އަހަރު ރޮން މަކެރޯ ފަރަންސޭސި ބޮޑުވަޒީރު ކަމަށް އިސްވެ ވަޑައިގަތުމަށްފަހު މެލޭޝިޔާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިއީ، މެލޭޝިޔާއާއި ފަރަންސޭސިވިލާތުގެ ގުޅުންތައް އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމުގެ ގޮތުން މެލޭޝިޔާގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށް ޓަކައި ރޮން މަކެރޯ މެލޭޝިޔާ އަށް ކުރައްވާ ދަތުރުފުޅެއްކަމަށް ފަރަންސޭސި ޚާރިޖީ ވުޒާރާ އިން ބުނެ އެވެ.
މަކެރޯގެ މިދަތުރުފުޅުގައި މެލޭޝިޔާ އާއި ފަރަންސޭސިވިލާތާ ދެމެދު ވިޔަފާރި އާއި އިގްތިޞާދާއި ތައްލީމާއި ޓެކްނޮލޮޖީއާއި ސިނާއަތާ އަދި ޘަޤާފަތާބެހޭ ދާއިރާތަކުން ގުޅުންތައް ވަރުގަދަ ކުރުމާ ބެހޭ ގޮތުން މަސައްކަތްކުރައްވާނެ ކަމަށް ޚަބަރުލިބެ އެވެ. ރިޕޯޓްތައް ބުނާގޮތުން މިއަދު ހަވީރުގެ ވަގުތެއްގައި ފަރަންސޭސި ބޮޑުވަޒީރު ވަނީ މެލޭޝިޔާގެ ބޮޑު ވަޒީރުމުހައްމަދު ނަޖީބް ރައްޒާޤް އާ ބައްދަލުކުރައްވާފަ އެވެ.
ދެބޭފުޅުންގެ މަޝްވަރާތަކުގައި ދެގައުމުގެ ގުޅުންތައް ހަރުދަނާކުރުމުގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ބައެއް މައްސަލަ ތަކާބެހޭގޮތުން ވެސް ޚިޔާލު ބަދަލުކުރައްވާފަ އެވެ. މަކެރޯގެ މިދަތުރުފުޅުގައި މެލޭޝިޔާ އާއި ފަރަންސޭސިވިލާތާ ދެމެދު އިގްތިސާދާއި އިންވެސްޓްމަންޓްތަކާ ބެހޭ ބައެއް އެއްބަސްވުންތަކުގައި ދެގައުމުގެ މަސްއޫލުވެރިންނާއި ބައެއް ކުންފުނިތަކުން ސޮއިކުރާނެ ކަމަށް ޚަބަރުލިބެ އެވެ. (ނޫސްއެޖެންސީތައް)