29 Jul 2013, 23:58
އިޓަލީގެ ދެކުނުގެ ކެމްޕޭނިއާ ސަރަހައްދުގެ ފްލައިއޯވާއެއްގެ މަތިން ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ބަހެއް ކައްސާލައިގެން ހައިވޭއަކަށް ވެއްޓި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 38 މީހުން މަރުވެޖެ އެވެ.
ނަޕޯލީގެ ބޭރުން އޮންނަ އެވޭލީނޯގައި ހިނގި ނުރައްކާތެރި އެހާދިސާގައި ހައިވޭ އަށް ބަސްވެއްޓުނު ވަގުތު ފްލައިއޯވާ ދަށުން ދުއްވާފައި ދިޔަ ކާރާއި އެހެނިހެން އުޅަނދު ތަކުގައި ވެސް ޖެހިބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ރިޕޯޓްތައް ބުނާގޮތުން ނަޕޯލީއިން ދަތުރުކޮށްފައި އައި އެ ބަހުގައި 50 ފަސިންޖަރުން ތިބިއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ތިއްބެވެ. އެކްސިޑެންޓްގައި މަރުވި މީހުންގެ އިތުރުން 10 މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ އިރު އޭގެތެރެއިން ގިނަ މީހުންގެ ހާލު ވަރަށް ސީރިއަސްކަމަށްވެ އެވެ.
ހާދިސާ ހިނގަން މެދުވެރިވި އަސް ސަބަބު މިހާތަނަށް ހޯދިފައި ނުވާ އިރު، ލޯކަލް ފަޔާ ބްރިގޭޑް ޑިވިޝަންގެ ވެރިޔާ އެލެސިއޯ ބާބަރުލޯ ވިދާޅުވެފައި ވަނީ، ބްރިޖްތަކުގައިހަދާފައި ހުންނަ ބެރިއާ ތަކަކީ އާންމުކޮށް އެފަދަ ހާދިސާތަކުން ރައްކާތެރިވުމަށް ހަދާފައި ހުންނަ ބެރިއާތަކެއް ކަމަށާއި އެހެން ނަމަވެސް އެ ބަސް ދުއްވާފައިދިޔަލެއް ބާރުކަމުން ބެރިއާގައި ޖެހިފައި ވެސް ބަސް ކޮންޓްރޯލް ނުވީ ކަމަށް ބެލޭވޭ ކަމަށެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބަސް ދުއްވަންއިން ޑްރައިވަރުވެސް ހިމެނެ އެވެ.
ފްލައިއޯވާމަތިން ނައްޓާލައިގެންގޮސް 30 މީޓަރު ދުރަށް، ހައިވޭމައްޗަށް ވެއްޓި ބަހުގެ ބައިތައްވަނީ ވަރަށްބޮޑަށް ހަލާކުވެފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މައުރީޒިއޯ ލޫޕީ ވިދާޅުވީ، އެކްސިޑެންޓްވި އުޅަނދަކީ މިއަހަރުގެ މާޗު މަހުގައި އިންސްޕެކްޓް ކޮށްފައިވާ އުޅަދެއް ކަމަށާއި އަދި އެ ބަހަށް ޓެކްނިކަލް އެއްވެސް މައްސަލައެއް ދިމާވެފައިވާކަމުގެ އެއްވެސް އަލާމާތެއްފެންނަން ނެތްކަމަށެވެ.
ހާދިސާގައި ސަލާމަތްވި މީހަކު ކިޔައިދިން ގޮތުގައި އެ ބަސް ފްލައިއޯވާ މަތިން ކައްސާލަން ދިމާވީ ބަސް ދުއްވަން އިން ޑްރައިވަރަށް ބަހުގެ ކޮންޓްރޯލް ގެއްލުމުން ކަމަށެވެ.
މީގެ 10 އަހަރު ކުރިން ހަމަ އެ ސަރަހައްދުގައި ހިނގި އެފަދަ އެކްސިޑެންޓެއްގައި ހަ މީހުން މަރުވެ 11 މީހުންނަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވާ އިރު މިފަހަރުގެ ހާދިސާއަކީ ވޭތުވެ ދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އިޓަލީގައި ހިނގި އެންމެ ނުރައްކާތެރި މަގުމަތީ އެކްސިޑެންޓެވެ.