އަންނަ މަހުން ފެށިގެން ކޮންރާޑް ރަންގަލި އައިލެންޑް ރިސޯޓުގައި އައިޕޮޑް ޓަޗް ބޭނުންކޮށްގެން ހިދުމަތް ދޭން ފެށުމަށް އެ ރިސޯޓުން ނިންމައިފި އެވެ.


ބްރޭކިން ޓްރެވަލް ނިއުސް[ބީޓީއެން]ގެ އިއްޔެގެ އަދަދުގައި އެ ރިސޯޓާ ހަވާލާދީ ބުނެފައި ވަނީ އަންނަ ޑިސެންބަރު މަހުން ފެށިގެން އެ ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓަކަށް އޭނާ އެ ރިސޯޓުގައި ބޭނުންކުރާނެ އައިޕޮޑެއް ހަވާލުކުރާނެ ކަމަށެވެ. އެ އައިޕޮޑް ބޭނުންކޮށްގެން ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުންވާ ހިދުމަތަކަށް އެދުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް  އެ ސައިޓްގައިވެ އެވެ.  


އައިޕޮޑް ބޭނުންކޮށްގެން ރިސޯޓާގުޅޭ ހުރިހާ މައުލޫމާތެއް ޓޫރިސްޓުނަށް ބެލޭނެ ކަމަށާއި އޭގެ ތެރޭގައި ރެސްޓޯރެންޓްތަކުގެ މެނޫ އާއި އެ ތަކެއްޗަށް އޯޑަރު ކުރުމުގެ ފުރުސަތާއި އެ ރިސޯޓުގެ މަސާޖު ޕާލާތަކުގައި ބުކް ކުރުމުގެ ފުރުސަތު ވެސް ހުޅުވިގެން ދާނޭ ކަމަށް އެ ރިސޯޓުން ބީޓީއެން އަށް މައުލޫމާތު ދެމުން ބުނެފައިވެ އެވެ. އަދި ރިސޯޓުގެ ފޮޓޯ ލައިބްރަރީ އަކާ އެކު ޗާޓެއް ވެސް އެކުލެވޭނެ ކަމަށް ބުނެފައިވެ އެވެ.  


އެ އައިޕެޑްތަކުގައި ބޭނުންކުރަނީ އެމެރިކާގެ ރަންޓްރިޒް ކިޔާ ކުންފުންޔަކުން ޓޫރިސްޓުންނަށް  ހިދުމަތް ދިނުމަށް ހާއްސަކޮށް އުފައްދާފައިވާ ސޮފްޓްވެއާއެއް ކަމަށް އެ ރިސޯޓުން ބުނެ އެވެ. މިއީ މިފަދަ ހިދުމަތެއް އެމެރިކާ ނޫން އެހެން ގައުމެއްގައި ދެވޭ ފުރަތަމަ ފަހަރު ކަމަށް ބީޓީއެން އިން ބުންޏެވެ.