އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލްގެ ސަރުކާރު އޮފީސްތަކުގެ ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ފައިނަލުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) 67 ލަނޑުން ބަލިކޮށް ކަސްޓަމްސް ރެކްރިއޭޝަން ކްލަބް އެމުބާރާތުގެ ޗެމްޕިއަން ހޯދައިފި އެވެ.

ކުޅިވަރު އެކުވެނީގެ އެއްނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ޓޮސް ދިމާވުމުން ކުޅެން އަރައި ކަސްޓަމްސްއިން ވަނީ، އަށް އޯވަރުގެ ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 123 ލަނޑު ހަދާފަ އެވެ. ޖަވާބުގައި އެމްއެމްއޭ ކުޅެންއަރައި އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން ހެދުނީ 56 ލަނޑެވެ.

ފައިނަލް މެޗުގައި ކަސްޓަމްސްއިން އެންމެ ރަނގަޅަށް ކުޅުނީ، ނުބައިނުވެ، 33 ލަނޑު ހެދި މުހައްމަދު އާމިރު އެވެ. އެމްއެމްއޭއިން އެންމެ ރަނގަޅަށް އުކީ، ވިކެޓް ނެގި ސޮފްވާން އާއި ސިހާދު އެވެ. އެމްއެމްއޭއިން އެންމެ ރަނގަޅަށް ކުޅުނުނީ 13 ލަނޑު ހެދި ސިހާދު އެވެ. އަދި އެ އިނިންގްސްގައި ކަސްޓަމްސްއިން އެމްނެ ރަނގަޅަށް އުކީ، މަހުމޫދު ރިޔާޒްއާއި މުހައްމަދު އާމިރު އެވެ. އެ ދެކުޅުންތެރިންވެސް ވަނީ އެއްވިކެޓް ނަގާފަ އެވެ.

އޮފީސްތަކުގެ މުބާރާތުގައި ކަސްޓަމްސްއާއި އެމްއެމްއޭގެ އިތުރުން ބައިވެރިވީ، އެޑިޔުކޭޝަން މިނިސްޓްރީއާއި، ޔޫތު މިނިސްޓްރީއާއި، އިމިގްރޭޝަންއާއި، ސިފައިންގެ ރެކްރިއޭޝަން ކްލަބް އަދި ޕޮލިސް ކްލަބެވެ.

މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމް ދިނުން އޮންނާނީ، އަންނަ މަހުގެ ހަ ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ކުންފުނި މުބާރާތުގެ ފައިނަލަށް ފަހު އެވެ.

އަލޯރާ ރަމަޟާން ކްރިކެޓް ކާނިވަލްގެ ކުންފުނި ތަކުގެ ޓޭޕް ބޯލް ކްރިކެޓް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި ކޭޕީއެމްޖީ އެވެ. އަދި ދެވަނަ މެޗްގައި ބައްދަލުކުރާނީ ސޮނީ ހާޑްވެއާއާއި ކޯސްޓްލައިން އެވެ.