29 Jul 2013, 21:22
ތަކެތީގެ އަގުތައް ނުވަތަ އިންފްލޭޝަން އަހަރު ދުވަހުގެ ތެރޭގައި 2.07 ޕަސެންޓަށް މައްޗަށް އުފުލިއްޖެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ޕްލޭނިން ޑިޕާޓްމަންޓުން މިއަދު އާންމު ކޮށްފައިވާ މިދިޔަ ޖޫން މަހުގެ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް [ސީޕީއައި] އިން ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ އިންފްލޭޝަން ރޭޓް ހުރީ 2.07 މަތީގަ އެވެ. މޭ މަހުގެ ނިޔަލަށް އަހަރު ދުވަހުގެ އިންފުލޭޝަން ރޭޓް ހުރީ 6.60 ޕަސެންޓް މަތީގަ އެވެ.
މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ އަހަރު ދުވަހުގެ އިންފްލޭޝަން ރޭޓަށް ބަލާ އިރު އެންމެ މައްޗަށް ގޮސްފައި ވަނީ މަހުގެ ބައިންނެވެ. އެގޮތުން އެ ބައިން ރާއްޖޭގެ އިންފްލޭޝަން ރޭޓް 1.26 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު ގޭގޭ ކުލީގެ ބައިން ވަނީ 0.31 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަދި ހަމަ އެހެންމެ ޕާން އަދި ސީރިއަލް ފަދަ ބާވަތްތަކުގެ ބައިން 0.68 ޕަސެންޓް މައްޗަށް ގޮސްފައިވާ އިރު ފުށުގެ ބާވަތްތަކާއި ޗީޒް އަދި ކުކުޅު ބިހުގެ ބައިން ވަނީ 0.23 ޕަސެންޓް މައްޗަށް ގޮސްފަ އެވެ.
މިދިޔަ މަހު އިންފުލޭޝަން ރޭޓް ދަށަށްގޮސްފައިވާ ބައިތަކަށް ބަލާ އިރު ފަރުނީޗަރުގެ ބައިން 14.42 ޕަސެންޓް ދަށަށް ގޮސްފައިވާ އިރު ގޭތެރޭ ގެންގުޅޭ ސާމާނުގެ ބައިން ވަނީ 3.18 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި ޒީނަތްތެރިވުމަށް ބޭނުން ކުރާ ސާމާނުގެ ބައިން 0.46 ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ.