ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ މީހަކު ހުރި ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލާ މީހުންގެ ރަޖިސްޓްރީ އެކުލަވައިލުމުގައި އިލެކްޝަންސް ކޮމިޝަނުން ކަންތައް ކުރިއަށް ގެންދާ ގޮތާ މެދު ބޮޑެތި ކަންބޮޑުވުންތަކެއް ކުރި ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރައްވައި ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، ވޯޓާސް ރަޖިސްޓްރޭޝަންގެ ކަންތައް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ޕީޕީއެމް އިން ހުރި ކަންބޮޑުވުންތަކުގެ ވާހަކަ އިލެކްޝަންސް ކޮމިޝަނުގައި ދެންނެވުމުން، އެފަދަ ކަންތައްތަކެއް ފާހަގަ ކުރެވިފައި އެބަ ހުރި ކަމަށާއި އެހެން ނަމަވެސް އެކަމަށް އެދެވޭ ހައްލެއް ގެނެވިދާނޭ ކަމަށް ގަބޫލު ނުކުރާ ކަމަށް ރާއްޖޭގެ އިންތިހާބުތަކާ ބެހޭ ކޮމިޝަނުން ބުނެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ މިނިވަން އިންސާފުވެރި އިންތިހާބެއް ރާއްޖޭގައި ބޭއްވޭ ކަމުގައި ވަންޏާ، އެ އިންތިހާބާ ގުޅިގެން ރަޖިސްޓްރޭޝަނުގެ މަސައްކަތުން ފެށިގެން އެ އިންތިހާބުގެ ވޯޓުލާ ދުވަހާއި އަދި އެއަށް ފަހާ ހިސާބަށް ވެސް އެބޭފުޅުން ކަންތައްތައް ރާވާފައި އޮތީ ޒިންމާދާރު އަދި ޕްރޮފެޝަނަލް އަދި އޮޅުވައި ނުލެވޭނެ، އެއްވެސް ފަރާތަކަށް ނުފޫޒެއް ފޯރުވައި، ރައްޔިތުންގެ ވޯޓު އޮޅުވާލައިގެން ނަތީޖާ އެހެން ގޮތަކަށް ބަދަލު ނުކުރެވޭ ފަދަ ގޮތަކަށް ހަރުދަނާ އުސޫލުތަކަކާއި ކޮންޓްރޯލްތަކެއް ލެވިގެންތޯ ޔަގީން ކުރުމުގެ ނިޔަތުގައި އަޅުގަނޑުމެން އެބޭފުޅުންނާ ސުވާލު ދެންނެވީ،" މުންދު ވިދާޅުވި އެވެ. "ކަންބޮޑުވާން ޖެހޭ ކަމަކީ، އަޅުގަނޑުމެން ހިފައިގެންދިޔަ ކަންބޮޑުވުންތައް ހަމަ އެބަހުރިކަމާއި އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އެކަށީގެންވާ ފިޔަވަޅުތަކެއް އެކި ސަބަބުތަކާ ހުރެ އެޅިފައި ނެތްކަން އެބޭފުޅުންގެ ވާހަކައިން އިއުތިރާފް ވެވަޑައިގަތީމަ އަޅުގަނޑުމެން މި ކަންބޮޑުވުން ހިއްސާކުރަނީ."

މުންދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ތަކުރާރުކޮށް އިވެމުން ދިޔަ އަޑަކީ "ހިޔުމަން އެރާ" ކަމަށާއި އެފަދަ ހިޔުމަން އެރާގެ ސަބަބުން އެފަދަ ކަންތައްތައް ހިނގާނެ ކަމަށް އެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަން ތަމްސީލު ކުރެއްވި ބޭފުޅުން ވިދާޅުވި ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން، އެންމެ ރައްޔިތެއްގެ ވޯޓު ލުމުގެ ހައްގު ވެސް ގެއްލިގެން ދިއުން އެއީ އެކަން ވާންޖެހޭނެ ގޮތްކަމަކަށް. އަދި މިދިޔަ ފަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ހުރި ކަންބޮޑުވުންތައް ވެސް ތަކުރާރުކޮށް އެބޭފުޅުންނާ ހިއްސާ ކުރަމުން ގެންދިޔައިން. ހިތާމަޔަކީ އެކަންތައްތަކާ ގުޅިގެން ވެސް އަދި މިހާތަނަށް އަދި އެއްވެސް ފިޔަވަޅެއް އެޅިފައެއް ނެތް،" މުންދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓާސް ރެޖިސްޓްރޭޝަންގެ ކަންތަކުގައި މިވަގުތު ވަރަށް ހަރުކަށި އުސޫލެއް ގެންގުޅުއްވި ނަމަވެސް މުންދި ވިދާޅުވީ، އިއްޔެގެ ބައްދަލުވުމުން ހާމަވެގެން ދިޔައީ ވޯޓުލާ ދުވަސް ކައިރިވުމުން އެފަދަ އުސޫލުތައް ވެސް އިލެކްޝަންސް ކޮމިޝަނުން ދޫކޮށްލަން ނިންމާފައިވާ ކަން ކަމަށެވެ.

"މިސާލަކަށް މީހެއްގެ ނަންޖަހާފައި، އެ ފޯމުގައި މީހެއްގެ އެޑްރެސް ނުޖަހައި އިނަސް އަނބުރާ ހަވާލުކުރައްވާފައި ވިދާޅުވަނީ، ގޮސް އަލުން އަނެއްކާ އެ ރަނގަޅު ކޮށްގެން އަންނާށޭ. ޕާޓީތަކަށް ވެސް އަދި ފަރުދީ ގޮތުން ވެސް އެ ކޮންޓްރޯލްތަކެއް ނޯވޭ" ޕީޕީއެމްގެ ކައުންސިލް މެންބަރު ވިދާޅުވި އެވެ. "އެހެން ނަމަވެސް އިއްޔެ އެބޭފުޅުން ވިދާޅުވީ، އެންމެ ފަހުވަގުތާ ޖެހުނީމާ ތިމަންނަމެން ވަރަށް ލުއި ގޮތަކަށޭ މިކަންތައް ގެންދާނީ. ވަރަށް ދޫދޭނަމޭ މިކަމުގައި."

މުންދު ފާހަގަކުރެއްވި ގޮތުގައި އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި އެ އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީ ވަނީ، ވޯޓު އޮޅުވާލުމުގައި ވަރަށް ބޮޑު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން އެޕާޓީން ކޮމިޝަނަށް އެންމެ ފަހު ވަގުތުގައި ހުށަހެޅި ބައެއް ފޯމުތަކުގައި، ވޯޓްލާ މީހާ ވޯޓްލާން ރަޖިސްޓްރީ ކޮށްފައިވާ ރަށް ނޫން އެހެން ރަށްރަށަށް ބަދަލުކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުންދު ވިދާޅުވީ އިއްޔެގެ ބައްދަލުވުމުގައި ފާހަގަ ކުރެވުނު އަނެއް ކަންބޮޑުވުމަކީ "އެއް އައިޑީ ކާޑަށް ވުރެ ގިނަ އައިޑީ ކާޑު ބޭނުންކުރާ 100 އަށް ވުރެ ގިނަ މީހުން ތިބި ކަމަށް" މިހާރު ވެސް ފާހަގަ ކުރެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުތިރާފުވުން ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ، ރައްޔިތުންނާއި، ސިޔާސީ ޕާޓީތަކާއި، ބޭރުގެ ފަރާތްތަކުން ވެސް ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ގޮައިލަމުންދާ ދަނޑިވަޅެއްގައި ހިތާމައާ އެކު ދަންނަވަން ޖެހެނީ، އެފަދަ އިންތިހާބެއް ބޭއްވުމުގެ ގާބިލުކަން ނެތް ކަމަށާއި އަދި ޕީޕީއެމް އިން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭގައި ހުރި ކަންބޮޑުވުންތައް މާދަމާ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބޭހެ ކޮމިޓީ އަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ.