29 Jul 2013, 15:53
ރިޔާސީ އިންތިހާބުގެ ތެރޭގައި ހަމަނުޖެހުމެއް ހިނގާފާނެ ކަމަށް މިހާތަނަށް ނުބެލެވޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ރިޔާޒު މިހެން ވިދާޅުވީ އިންތިހާބްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވެފައިވާ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ކޮމަންވެލްތު ސެކްރެޓަރީ ޖެނެރެލްގެ ހާއްސަ މުޝީރެއް ކަމުގައިވާ ސަރ. ޑޮން މެކިނަންއާ ހިއްސާކުރައްވަމުންނެވެ.
ފުލުހުންގެ އިދާރާގައި އިއްޔެ ބޭއްވި އެ ބައްދަލުވުމެއްގައި ރިޔާޒު ވިދާޅުވީ އިންތިހާބްގެ ތެރޭގައި ހަމަނުޖެހުމެއް ނުހިނގި ނަމަވެސް ރިޔާސީ އިންތިހާބަށް ފުލުހުން ތައްޔާރަށް ތިބި ކަމަށެވެ. އަދި އިންތިހާބުގެ ތެރޭގައި ގައުމުގެ ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގެ ގޮތުން ރާވައިގެން ހިންގާ ނުރައްކާތެރި ކުށްތައް މަދުކުރުމަށް މި އަހަރު ހާއްސަ އިސްކަމެއްދީގެން ފުލުހުން މަސައްކަތްކުރަމުން ގެންދާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
އެގޮތުގެ މަތިން ފުލުހުން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގެ ސަބަބުން މިއަހަރު ތެރޭގައި ނުރައްކާތެރި ކުށްތައް ދަށްކުރެވިފައިވާ ކަމަށް ވިދާޅުވެ އެކަމާގުޅޭ ބައެއް މައުލޫމާތު ސާ ޑޮން މެކިނަންނާ އެކު ރިޔާޒު ހިއްސާކުރެއްވި އެވެ.
ފުލުހުން މަސައްކަތްކުރަމުން ގެންދަނީ ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ މާހައުލެއްގައި ކަމަށާއި ފުލުހުންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބައިނަލް އަގުވާމީ ފަރާތްތަކުން ފޯރުކޮށްދޭ އެހީތެރިކަމާއި އެއްބާރުލުމަށް އަބަދު ވެސް މަރުހަބާ ކިޔާނެ ކަމަަށް ވެސް މި ބައްދަލުވުމުގައި ރިޔާޒު ވިދާޅުވި އެވެ.
ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބްގައި ހަތަރު ބޭފުޅަކު ވާދަކުރައްވާނެ ކަން އިލެކްޝަނުން އިޢުލާންކޮށްފައިވާ އިރު ޕާޓީތަކުން ވަނީ ރިޔާސީ ކެންޕެއިން ރަސްމީކޮށް ފަށައިފަ އެވެ. އަދި އެ ކެންޕެއިން މާލެ އާއި ރައްރަށުގައި ކުރިއަށްދާ އިރު މިހާރު ވެސް ބައެއް ކަހަލަ ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ.