ގއ. އަތޮޅުގައި ހައުސިން ޕްރޮޖެކްޓެއް ހިންގުމަށް ސަބް ކޮންޓަރެއްގެ ގޮތުން ހަވާލުކުރި ޕިލިޕީންސްގެ ކުންފުންޏެއް ކަމަށްވާ ޕީޕީޑީސީއިން އެމްޓީސީސީއަށް 35.4 މިލިއަން ރުފިޔާ ނުދައްކާ އެބަހުރި ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޑރ. އަހުމަދު އަދުހަމް އަބުދުﷲ ވިދާޅުވީ އެ ދެ ކުންފުނީގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން އެމްޓީސީސީއިން 92 މިލިއަން ރުފިޔާގެ ތަކެތި ޕީޕީޑީސީއަށް ފޯރުކޮށްދީފައިވާ ކަމަށާއި އޭގެ ތެރެއިން ޕީޕީޑީސީއިން 58 މިލިއަން ރުފިޔާގެ ތަކެއްޗަށް ފައިސާ ދައްކާފައިވާއިރު އިތުރު ހިދުމަތްތަކަކާއެކު އެމްޓީސީސީއަށް 35.4 މިލިއަން ރުފިޔާ ނުދައްކާ އެބަހުރި ކަމަށެވެ. އަދުހަމް ވިދާޅުވީ އެ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.

"ގއ. އަތޮޅުގެ ހަތަރު ރަށެއްގައި ސުނާމީއާއި ގުޅިގެން ރީކޮންސްޓްރަކްޓް ކުރުމަށް ހޮވި ފަރާތަކީ ވިމްލާ ކޮންސްޓްރަކްޝަން. ވިމްލާގެ ސަބް ކޮންޓްރެކްޓަރަކަށް މަސައްކަތްކުރި ބައެއް ޕީޕީޑީސީ އަކީ. އަޅުގަނޑަށް ހަަބަރު ލިބޭގޮތުގައި ވިމްލާ ކޮންސްޓްރަކްޝަން ޑީފޯލްޓްވެގެން ސަރުކާރުން މިޕްރޮޖެކްޓް ޕީޕީޑީސީއަށް ހަވާލުކުރީ، އެހެންކަމުން ޕީޕީޑީސީއިން އެމްޓީސީސީއަށް އެޕްރޯޗްކޮށްފައި އަޅުގަނޑުމެނަށް ކޮންޓްރެކްޓެއްގެ ދަށުން އެޕްރޯޗް މިކުރަނީ މިވެނި އެވެނި މެޓީރިއަލްތަކެއް އެލްސީ ހުޅުވައިގެން ފަންޑްކޮށްދިނުމަށް،" އަދުހަމް ވިދާޅުވިއެވެ.

އަދުހަމް އިތުރަށް ވިދާޅުވީ އެލްސީތަކަށް ފައިސާ ދައްކާފައި ވަނީ ސަރުކާރުން ކަމަށާއި އެގޮތުން ސަރުކާރުން އެ އެލްސީތަކަށް 46.6 މިލިއަން ރުފިޔާ ދެއްކިއިރު އެކަމުގައި ސަރުކާރުގެ ރޯލެއް ވެސް ވާކަމަށެވެ.

އެމްޓީސީސީގެ ލޮޖިސްޓިކްސްގެ އެގްޒެކްޓިވް އުސްމާން އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެ މަސައްކަތް އެމްޓީސީސީން ކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގެ އެންގުމަކަށް ލެޓާސް އޮފް ކްރެޑިޓް(އެލްސީ) ހުޅުވަމުން ކަމަށާއި އެކަން ކޮށްފައިވަނީ އުސޫލުން ބޭރުން ކަމަށެވެ.

އެކަމާ އޭނާ ދެކޮޅު ހެދުމުން އޭނާ އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރިކަމަށް އުސްމާން ވިދާޅުވި އެވެ. އުސްމާން އިތުރަށް ވިދާޅުވީ އެޕުރޮޖެކްޓް ކުރިއަށްގެންދިޔައިރު 35 ޑޮލަރަށް މާލެއަށް ގެނެވޭ ހިލަ ޓަނެއް 71 ޑޮލަރަށް ހެދުމަށް އޭނާއަށް އިންވޮއިސް ފޮނުވާފައިވާ ކަމަށެވެ.