އެމްޑީޕީ އަލުން ވެރިކަމަށް އައިސްފި ނަމަ ލިބޭ އާމްދަނީން ނުވަތަ އިންކަމް ޓެކްސް ނަގާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑިޕީން ރޭ މ. ދިއްގަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ ސަރުކާރެއްގައި 30،000 ރުފިޔާ އަށް ވުރެ މަތީގެ އާމްދަނީ ލިބޭ ކޮންމެ މީހެއްގެ އަތުން ރުުފިޔާ އަކުން ތިން ލާރި ދައުލަތަށް ޓެކްސްގެ ގޮތުގައި ނަގާނެ ކަމަށެވެ.

"މުދަލާއި ހިދުމަތުގެ އަގުން މިދަނީ ޓެކްސް ނެގެމުން. އަދި ވިޔަފާރީގެ ފައިދާ އިން ވެސް މިދަނީ ޓެކްސް ނެގެމުން. އެމްޑީޕީގެ ޓެކްސްގެ ނިޒާމް ފުރިމަވެގެން ދާނީ އާމްދަނީން ޓެކްސް ނަގަން ފެށުމުން. އަޅުގަނޑުމެން އެމްޑީޕީގެ ސަރުކާރެއްގައި މަހެއްގެ މައްޗަށް 30،000 ރުފިޔާ އަށް ވުރެ މަތިން އާމުދަނީ ލިބޭ ކޮންމެ މީހެއްގެ އަތުން ރުފިޔާއަކުން ތިން ލާރި ދައުލަތަށް ދައްކަން ޖެހޭނެ. އަޅުގަނޑުމެން އެ ޓެކްސްގެ ނިޒާމް ތައާރަފް ކުރާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރުފިޔާއަކުން ތިން ލާރި ސަރުކާރަށް ދައްކަން ޖެހުމަކީ ތަނަވަސް މީހުންގެ ޖީބަށް އެނގޭނެ ކަމެއް ނޫން ކަމަށާއި އެ ނަގާ ތިން ލާރި ނަގަނީ ރާއްޖޭގެ ރައްޔިތުންގެ ތަރައްގީ އަށް ކަމަށެވެ. އެހެން ނަމަވެސް ނަޝީދު ވިދާޅުވީ އެ ޓެކްސް ނެގުމަށް ބައެއް ފަރާތްތަކުން ހުރަސްއަޅަމުން އަންނަ ކަމަށެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީން ސަރުކާރާ ގާއިމު ކުރެވިއްޖެ ނަމަ 2014 ވަނަ އަހަރު ނިމުމުގެ ކުރިން ދިއްގަރުގައި ފްލެޓް އަޅައިދޭނެ ކަމަށާއި އަދި ދިއްގަރަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް އެ ރަށުގެ ބިން ހިކައިދޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ދިއްގަރުގެ ތަރައްގީއަށް ޓަކައި އެ ރަށުގައި ގްރޭޑް 12 އާ ހަމައަށް ކިޔެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށާއި އެހެން ކަމުން އެމްޑީޕީ ސަރުކާރެއްގައި ދިއްގަރުގައި އާ ސްކޫލެއް އަޅައިދީ 12 އާ ހަމައަށް ކިޔެވޭނެ އިންތިޒާމް ހަމަޖައްސައި ދޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.