10 Nov 2010, 04:38
އެމްޑީޕީގެ ސަރުކާރަށް ދެ އަހަރު ފުރޭއިރު ގައުމުގެ ހާލަތާއި ރައްޔިތުންގެ ހާލަތު ކަންބޮޑުވާހާ ދަށު ދަރަޖަ އަކަށް ވެއްޓިފައިވާ ކަމަށް އިދިކޮޅު ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
މާދަމަ އަށް އަށް އެމްޑީޕީ ސަރުކާރަށް ދެ އަހަރު ފުރޭއިރު ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި ދާއިރާތަކުން ކޮށްފައިވާ ކަންތައްތައް މޮނިޓާކޮށް އެ ދާއިރާތަކަށް މާކްސް ކަނޑައަޅައި ރިޕޯޓްފޯމް ދޭ އުސޫލުން ރިޕޯޓްފޯމް ދިނުމަށް އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޑީއާރުޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރު ފުރޭއިރު، މުޅި ރާއްޖެ އާއި ރައްޔިތުން ވަނީ މާޔޫސްވެފައިވާ ހާލަތެއްގައި ކަމަށެވެ.
"އިގްތިސާދު މިވަނީ ދުވަހަކު ވެސް ނުވެއްޓޭހާ ފުން ވަޅުގަނޑަކަށް ވެއްޓިފައި. އިޖުތިމާއީ ފޭރާން މިވަނީ ވީދި ކުނޑިކުނޑި ވެފައި. ތައުލީމީ ސިޔާސަތުގެ ދެކޮޅު ދިމާ ނުވުމުގެ ސަބަބުން ތައުލީމީ ނިޒާމާއި ތައުލީމީ ސިޔާސަތު މިވަނީ ވަރަށް ދަށު ދަރަޖައަކަށް ވެއްޓިފައި. އިގްތިސާދީ ސިޔާސަތުގެ ސަބަބުން ވިޔަފާރި ވެރިންނާއި އިންވެސްޓަރުންގެ އިތުބާރާއި ޔަގީންކަން ވަނީ ގެއްލިފައި. ކޮންމެ މިންގަނޑަކުން ބެލިއަސް ސަރުކާރު ވަނީ ވަރަށް ބޮޑަށް ފެއިލްވެފައި،"
ތަސްމީން ވިދާޅުވީ، އެކަންތައްތައް ރަނގަޅު ކުރުމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޑީއާރުޕީން ކުރާ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާ ކަމަށެވެ. އަދި ޑީއާރުޕީގެ ސިޔާސަތަކަށް ވާނީ ރައްޔިތުންނަށް ސީދާ ފައިދާ ވާނެ ގޮތްގޮތަކަށް ކަންތައްތައް ކުރުން ކަމަށާއި މިނިވަން ވިޔަފާރި އަށް ޖާގަދީ އަމިއްލަ ވިޔަފާރި އަށް ހިތްވަރުދީ ހުރަސްތައް ނައްތާލުން ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
"ޑީއާރުޕީގެ ސިޔާސަތަކަށް ވާނީ، އަމިއްލަ ވިޔަފާރިތަކަށް މިހާރު ވަމުންދާ ގެއްލުމާއި އެޅެމުންދާ ހުރަސްތައް ދެނެގަނެ އެކަން ކުޑަ ކުރުމަށް މަސައްކަތް ކުރުން. އަދި ސަރުކާރުގެ ވިޔަފާރިތައް ހިންގުމުގައި ފަންނީ ގާބިލް ބޭފުޅުންނަށް ފުޅާ ދާއިރާއެއްގައި ދައުރެއް ދިނުން. އިންވެސްޓަރުންނަށް އިތުބާރާއި ޔަގީންކަން އޮތް ވިޔަފާރީގެ ވެއްޓެއް ގާއިމު ކުރުން. އިންވެސްޓް ކުރުމުގެ ފުރުސަތަކީ ވަކި ބަޔަކާ ގުޅުން އޮތުމުގެ ސަބަބުން ތަނަވަސް ވެފައިވާ ފުރުސަތެއްގެ ބަދަލުގައި ގާއިމް ކުރެވިފައިވާ އުސޫލުތަކާއި ހަމަތަކުގެ މަތިން ދެފުއްފެންނަ ކަމެއްގެ ގޮތުގައި ހިނގާ ކަމެއް ކަމަށް އަލުން އިއާދަ ކުރާނަން،" ތަސްމީން ވިދާޅުވި އެވެ.
ޑީއާރުޕީގެ ލީޑަރު ވިދާޅުވީ، ތައުލީމާއި ސިއްހަތަކީ ގާނޫނު އަސާސީގައި ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހިދުމަތެއްކަން ހަނދާން ބަހައްޓަން ޖެހޭ ކަމަށެވެ. އަދި ތައުލީމީ ސިޔާސަތު ބިނާވެފައި އޮންނަންވާނީ އިސްލާމީ އުސޫލުތަކާއި އަގީތާގެ މައްޗަށް ކަމަށާއި ޒަމާނީ ޓެކްނޮލޮޖީ އާއި ސައެންސާއި ފަންނީ އިލްމްގެ ތެރެއިން ދަރިވަރުން ތަރުބިއްޔަތު ކުރާ ނިޒާމެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސިއްހީ ހިދުމަތަކީ، ހަމަހަމަކަމާ އެކީ އެ ފުރުސަތު ތަނަސްވެގެންދާ ގޮތަށް ސިޔާސަތުތައް ބައްޓަންކުރަން ޖެހޭ ހިދުމަތެއް ކަމަށާއި އަމިއްލަ ފަރާތްތަކަށް ވިޔަފާރީގެ ގޮތުން ފުރުސަތު އޮތް ނަމަވެސް ދައުލަތުން ހިންގާ ތައުލީމީ ސިއްހީ ނިޒާމެއް އޮންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ޑީއާރުޕީގެ ސަރުކާރަކުން ދިވެއްސަކަށް ވީތީ ފަހުރުވެރިވާނޭ ފުރުސަތު އަލުން ހޯދައިދެއްވާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވަމުން ތަސްމީން ވިދާޅުވީ، އިގްތިސާދީ ދާއިރާއަށް ބަލާއިރު ފެނިގެން މިދަނީ ގައުމުގެ ސިޔާދަތާއި މިނިވަންކަން ހިފެހެއްޓުމަށާއި ގައުމު ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް މުހިއްމު މުއާސަލާތީ ހިދުމަތްތައް ބޭރުގެ ފަރާތްތަކަށް ދޫކޮށްލާފައިވާ މަންޒަރު ކަމަށެވެ.
"މާލޭ ބައިނަލް އަގުވާމީ ވައިގެ ބަނދަރު ބޭރުގެ ފަރާތަކަށް ދޫކޮށްލުމަކީ، މިނިވަންކަމާއި ސިޔާދަތަށް ބުރޫ ނާރާނެ ކަމެއް ކަމަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ. ބުރަ މަސައްކަތުން ގާއިމްކޮށްފައިވާ މުހިއްމު ވިޔަފާރިތައް ސަބަބެއްނެތި އެކަށީގެންވާ އަގެއް ނުލިބި ބޭރުގެ ފަރާތްތަކަށް ދޫކޮށްލުމަކީ އިގްތިސާދީ މިނިވަންކަމަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް. ގާނޫނުގެ ވެރިކަމެއް ރާއްޖޭގައި މިހާރު ކުރަމަކުން ނުދޭ،"
ތަސްމީން ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކާއި ކަންތައްތައް ކުރަމުންދާ ގޮތާ މެދު ރައްޔިތުން ހިތްހަމަނުޖެހޭކަން ވަރަށް ފާޅުގައި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ހާމަކުރަން އެބަޖެހޭ ކަމަށެވެ. އަދި މިކުރެވޭ މަސައްކަތުން ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން އެ އިންތިހާބު ޑީއާރުޕީން ކާމިޔާބު ކުރާނެ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ޑީއާރުޕީގެ ބައެއް ނާއިބު ލީޑަރުންނާއި ޕާލަމެންޓްރީ ގްރުޕުގެ މެންބަރުން ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި މި ޖަލްސާގައި، ކަނޑައެޅިފައިވާ ދާއިރާތަކަށް ލިބިފައިވާ މާކްސް ހާމަކޮށްފައި ވަނީ ބާލިދީއެއްގައި ހަރުކޮށްގެންނެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާކަން އެ ރިޕޯޓް ފޯމުތަކުން ފާހަގަވެފައިވާ އިރު އެހެން ހުރިހާ ދާއިރާތަކެއް ފެއިލްވެފައިވާ ކަމަށް ރިޕޯޓް ދިނެވެ.