29 Jul 2013, 15:14
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އިއްޔެ އެކަނި ވެސް 229 މިލިއަން ރުފިޔާ އެކި ފަރާތްތަކުން ދައްކާފައިވާ ކަމަށް ބުނެފި އެވެ.
ދައުލަތުގެ އާމްދަނީއާ ބެހޭ އިދާރާ އިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ރޭ 12:00އާ ހަމަޔަށް 1،800އަށް ވުރެ ގިނަ ފަރާތަށް ހިދުމަތްދީފައިވާ ކަމަށެވެ. އަދި އިއްޔެ ދައްކާފައިވާ 229 މިލިއަން ރުފިޔާއަކީ ހަމައެކަނި އެތަނަށް ލިބުނު ފައިސާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މީރާ އިން ބުނީ އިއްޔެ މީރާ އިން ހިދުމަތް ހޯދާނެ މީހުންގެ އަދަދަށް ބަލައި ހިދުމަތް ފޯރުކޮށްދިނުން އަވަސްކުރުމުގެ ގޮތުން އާއްމުކޮށް ހިދުމަތްދޭ ކައުންޓަރުތަކުގެ އިތުރުން ވަގުތީ 20 ކައުންޓަރު ގާއިމުކޮށް ހިދުމަތްދީފައިވާ ކަމަށެވެ.
މީރާ އިން ބުނީ އިއްޔެއަކީ މި އަހަރުގެ ދެވަނަ ކުއާޓަރު އަދި ޖޫން މަހުގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދައްކަން ޖެހޭ އެންމެ ފަހު ދުވަސް ކަމަށެވެ. އަދި ޖުލައި 31އަކީ މިއަހަރުގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ދައްކައި އިންޓަރިމް ސްޓޭޓްމަންޓް ހުށަހެޅުމުގެ ވެސް ސުންގަޑި ކަމަށް އެ އޮތޯރިޓީން ބުނެފައިވެ އެވެ.
މީރާ އިން ބުނީ މިއަދަކީ ރާއްޖޭގައި މިހާތަނަށް ވިޔަފާރިކުރައްވަމުން ގެންދަވާ ފަރާތްތަކުން ޖޫރިމާނާއާ ނުލައި މީރާގައި ވިޔަފާރި ރަޖިސްޓްރީ ކުރެއްވޭނެ އެންމެ ފަހު ތާރީހު ކަމަށެވެ. އަދި އިއްޔެ އެކަނި ވެސް 150 އަށް ވުރެ ގިނަ ރަޖިސްޓްރޭޝަން ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މީރާ އިން ބުނީ މިހާތަނަށް ޖުމްލަ 15،000 އަށް ވުރެ ގިނަ ފަރާތުން މީރާގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.