29 Jul 2013, 15:10
ސުޕްރީމްކޯޓުގެ ފަނޑިޔާ އަލީ ހަމީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ޝަކުވާ ހުށަހަޅައިފި އެވެ.
އޭސީސީ އަށް މުހައްމަދު ރިފްފަތު ކިޔާ މީހަކު ހުށަހެޅި މައްސަލައެއްގައި ބުނެފައި ވަނީ އެމެރިކާގެ ޓެކްސަސްގައި ކިޔަވަން ހުންނަ އަލީ ހަމީދުގެ ދަރިއެއްގެ ކިޔެވުމުގެ ހަރަދުތައް ބަލަހައްޓަމުން ގެންދަނީ ގާސިމް އިބްރާހިމް ކަމަށެވެ. އަދި އެކަމަކީ ފަނޑިޔާރުންގެ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އެ ކުއްޖާގެ ކިޔެވުމުގެ ކަންތައްތައް ގާސިމް ބަލަހައްޓަމުން ގެންދިޔަ މުއްދަތުގައި ގާސިމްގެ މަސްލަހަތު ހިމެނޭ މައްސަލަތަކެއް ސުމްރީމް ކޯޓުން ބަލަހައްޓާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ އެފަދަ "ޝަކުވާއެއް" އޭސީސީ އަށް މީހަކު ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް މައްސަލަތައް ބަލާ ކޮމެޓީގެ ބައްދަލުވުމެއް އަދި ނުބޭއްވޭ ކަމަށާއި އެހެންކަމާ އެކު އެ މައްސަލައާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
އަލީ ހަމީގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ އިތުރު މައްސަލައެއް އޭސީސީ އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އޭނާ އާ ބެހޭ ގޮތުން އޭސީސީން ކުރާ ތަހުގީގަކީ ދައުލަތުގެ ބަޖެޓުން ފަނޑިޔާރުންގެ މޯބައިލް ފޯން ބިލްތައް ދައްކަމުން ދިޔައިރު އަލީ ހަމީދުގެ ފޯނުން ބައެއް ފަރާތްތަކުގެ ފޯންތަކަށް 2223 ރުފިޔާ ޓްރާންސްޕާކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގެ މައްސަލަ އެކެވެ. އެ މައްސަލަ ފެންމަތިވެފައި ވަނީ އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި 2010 ވަނަ އަހަރުގެ ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އޮޑިޓް ރިޕޯޓުގަ އެވެ. ނަމަވެސް އެފައިސާތައް އަލީ ހަމީދު ވަނީ އަނބުރާ ދައްކަވައިފަ އެވެ. މީގެއިތުރުން އަލީ ހަމީދަށް ދައުލަތުން ދީފައިވާ ކާރެއް އޭނާގެ އިހުމާލުން ހަލާކުވުމުން އެ ކާރު މަރާމާތު ކުރުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލައެއް ވެސް އޭސީސީން ގެންދަނީ ބަލަމުންނެވެ.
އޭސީސީން އަލީ ހަމީދުގެ މައްސަލަތަކެއް ބަލަމުން އަންނަ އިރު ބަރަހާނާ ވީޑިއޯގެ މައްސަލައާއި އިިތުރު ވީޑިއޯއެއްގެ މައްސަލައެއް ޖޭއެސްސީންނާއި ފުލުހުން ވެސް ގެންދަނީ ބަލަމުންނެވެ.