29 Jul 2013, 15:00
ފަލަސްޠީނު ސަރުކާރުން ރާއްޖެ އަށް ފޮނުއްވައި ދެއްވި ޑޮކްޓަރުންގެ ޓީމާއި ދެ އިމާމުންނާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުމުގައި ފަލަސްޓީނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޮކްޓާ އަންވަރު އަލް-އަގްހާ ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިއްހީ ހިދުމަތް ފޯރުވައިދިނުމަށް ފަލަސްތީނުގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ އަށް ފޮނުއްވައިދެއްވި ކަމަށްޓަކައި އަދި މި ރަމަޟާން މަހު ވަޢުޡު ވިދާޅުވެ، އިމާމުވެވަޑައިގެން ނަމާދު ކުރެއްވުމަށް ދެ އިމާމުން ފޮނުއްވައިދެއްވިކަމަށްޓަކައި، ފަލަސްޠީނުގެ ސަރުކާރަށާއި، ހާއްސަކޮށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާހަށް ރައީސަށް ޝުކުރު އަދާކުރެއްވި އެވެ. އަދި އެ ވަފުދުގެ ފަރާތުން މަސައްކަތްކުރައްވާނެ އެކި ރަށްރަށާބެހޭ މައުލޫމާތު، ރައީސް އެބޭފުޅުންނާ ހިއްސާ ކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ފަލަސްޠީނުގެ ސަފީރު ވަނީ، ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ނަންފުޅުގަޔާއި ސަފީރުގެ އަމިއްލަ ނަންފުޅުގައި ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ދަންނަވާފައިވެ އެވެ. އަދި ރާއްޖެއާއި ފަލަސްތީނާ ދެ ގައުމުގެ ދޭތެރޭ އޮންނަ ގާތް ގުޅުން ދެމެހެއްޓުމަށް ފަލަސްތީނުން އަބަދުވެސް އިސްކަންދޭނެ ކަމުގައި ސަފީރު ވިދާޅުވި އެވެ.
މި ބައްދަލުކުރެއްވުމަށް ފަހު، ރައީސް ރާއްޖޭގެ ހަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، ފަލަސްތީނުގެ ރައީސް، ފަލަސްތީނުގެ ޑޮކްޓަރުންގެ ޓީމަކާއި އިމާމުން ރާއްޖެއަށް މި ފޮނުއްވީ، ރައީސް ދާދިފަހުން ފަލަސްތީނަށް ކުރެއްވި ދަތުރުފުޅުގައި އެދިވަޑައިގެންނެވި އެދިވަދައިގަތުމުގެ މަތިން ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން، ފަލަސްތީނުގެ ސަފީރާއި، މިނިސްޓާ އޮފް ހެލްތް ޑރ. އަހުމަދު ޖަމްޝީދު މުހައްމަދާއި، ޑޮކްޓަރުންގެ ވަފުދުގެ ފަރާތުންވެސް ހަބަރުފަތުރާ ވަސީލަތްތަކާ މައުލޫމާތު ހިއްސާ ކުރެއްވި އެވެ.