29 Jul 2013, 13:53
އއ. އުކުޅަހަށް ދިޔަ ޖުމްހޫރީ ޕާޓީގެ ބަޔަކަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި މިއަދު ހެނދުނު އެ ރަށުން ހަ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
އުކުޅަހު ކައުންސިލް އިދާރާގެ ރައީސް ޝައުކަތު އިބުރާހިމް މިއަދު ސަންއާ ވާހަކަ ދައްކަމުން ވިދާޅުވީ، އެ ރަށުން ހަ މީހުން މިއަދު ހައްޔަރުކޮށްފައި ވަނީ ޤާސިމް އިބްރާހިމްގެ ކޯޑިނޭޓަރުންތަކެއް މިމަހުގެ 27 ވަނަ ދުވަހު އެ ރަށަށް ގޮސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ވޯޓަށް ނުފޫޒު ފޯރުވަން ފައިސާ ބަހަމުން ދިޔަކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން އެ ރަށުގެ ރައްޔިތުންތަކެއް އެކަމާ ދެކޮޅަށް އަޑުއުފުލުމާއި ގުޅިގެން ކަމަށެވެ. އަދި އުކުޅަހުން މިއަދު ހައްޔަރު ކުރި ހަ މީހުންގެ ތެރޭގައި ކައުންސިލް މެންބަރު އަލީ ވަހީދު ހިމެނޭ ކަމަށާއި އެމީހުން މިހާރު ވަނީ ފުލުހުގެ ބެލުމުގެ ދަށުގައި އެއަތޮޅު ރަސްދޫގައި ކަމަށް ޝައުކަތު ވިދާޅުވި އެވެ.
"ފުލުހުން އުކުޅަހަށް އެރީ ހެދުނު 8:30 ގައި ރަށުގެ ގިނަ މީހުން ނިދާފައި ތިއްބައި. ފުލުހުން ރަށަށް އަރަމުން ކައުންސިލްއާ އެއްވެސް ވަރަކަށް މަޝްވަރާއެއް ނުކުރޭ. މީގެ ކުރިން ފުލުހުން ރަށަށް އަރާއިރު ކައުންސިލާ މަޝްވަރާ ކުރޭ. މިއީ ފުލުހުން ކުރި ވަރަށް ފިނޑި އަމަލެއް،" ކައުންސިލްގެ ރައީސް ޝައުކަތު ވިދާޅުވި އެވެ.
ޝައުކަތު ވިދާޅުވީ، އެ ދުވަހު ރަށަށް އެރި ގާސިމްގެ ކޯޑިނޭޓާރުންނާއި ދެކޮޅަށް ރައްޔިތުން ނުކުމެ ނުރުހުން ފާޅުކުރި ނަމަވެސް ގާނޫނާއި ޚިލާފު އެއްވެސް އަމަލެއް ރަށުގެ އެއްވެސް މީހަކު ނުހިންގާ ކަމަށެވެ.
"ކޯޓް އަމުރެއްގެ ދަށުން މިހާރު ހައްޔަކު ކޮށްފައި ތިބި މީހުންގެ އިތުރުން އަދި އިތުރު 7 މީހަކު ހައްޔަރުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި، " ޝައުކަތު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން އެ ސަރަހައްދަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ކޯޑިނޭޓަރު މުހައްމަދު މަޖުދީ އިބްރާހީމް މިއަދު ވިދާޅުވީ އެ ބޭފުޅުން އުކުޅަަހަށް ވަޑައިގަތީ ފައިސާ ބަހަން ނޫން ކަމަށާއި އެ ބޭފުޅުން އެ ރަށަށް ވަޑައިގަތީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މި ހަފުތާގައި އެ ސަރަހައްދަށް ކުރައްވާ ދަތުރުުފުޅަކާ ގުޅޭ ބައެއް އިންތިޒާމުތައް ހަމަޖައްސަވަން ކަމަށެވެ. ނަމަވެސް އެ ރަށު ބަޔަކު އެ ބޭފުޅުންނާ ދޭތެރޭ ކަންތައްތައް ކުރެއްވީ ވަރަށް އިހާނެތިކޮށް ކަމަށާއި ރޯދަ މަހު އިރު އޮއްސެނިކޮށް ރަށުން ބޭލުވީ "ބުޅަލެއްގެ ކަރުގައި ވާ ގަނޑެއް ޖަހައި ދަމާ ބާލާ ފަދަ ގޮތަކަށް" ކަމަށެވެ.