އެތައް އަހަރެއް ފަހުން ފުރަތަމަ ފަހަރަށް، މޯލްޑިވްސް ކަސްޓަމްސް ސާވިސްއަކީ ހޯމް މިނިސްޓަރުގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފި އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާން މިއަދު ސަން އަށް ވިދާޅުވީ ކުރިން ފިނޭންސް މިނިސްޓަރުގެ ދަށުން ހިނގަމުން ދިޔަ ކަސްޓަމްސް މިދިޔަ ހަފުތާއިން ފެށިގެން ހިންގުން ހޯމް މިނިސްޓަރުގެ ދަށަށް ބަދަލުކުރިކަން އަންގާފައިވާ ކަމަށެވެ.

"ކަސްޓަމްސްގެ ގާނޫނުގައިވާ ގޮތުން ރައީސް އަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް މިނިސްޓަރަކު ހުންނަން ޖެހޭ. ވޭތުވެދިޔަ ދިގު މުއްދަތުގައި ކަސްޓަމްސްއާ ހަވާލުވެ ހުންނެވީ ފިނޭންސް މިނިސްޓަރު. ނަމަވެސް ކެބިނެޓުގެ މަޝްވަރާ އެކު ހޯމް މިނިސްޓަރުގެ ދަށަށް ބަދަލުކުރިކަން އަންގާފައި އެބައޮތް،" އޭނާ ވިދާޅުވި އެވެ.

އަސްވާން ވިދާޅުވީ ކަސްޓަމްސް ހޯމް މިނިސްޓަރާ ހަވާލުކުރީ ކީއްވެގެން ކަމެއް އެނގިވަޑައިގެންފައިނުވާ ކަމަށެވެ.

ކަސްޓަމްސްގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ނ. ގައި ބުނެފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މިނިސްޓަރެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އެ ގާނޫނުގައިވާ ގޮތުން ރާއްޖޭގެ ރަސްމީ ބަނދަރުތަކުގައި ކަސްޓަމްސްގެ ސަރަހައްދު ކަނޑައެޅުމާއި ހިދުމަތްދޭ ތަންތަން ކަނޑައެޅުމާއި ކަސްޓަމްސްގެ ހިދުމަތާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގެ ބާރު މިނިސްޓަށް ލިބިގެންވެ އެވެ. އަދި އެ ހިދުމަތުގެ ފެންވަރު މަތިކޮށް ދެމެހެއްޓުމުގެ ގޮތުންނާއި އެ މުއައްސަސާ ޖަވާބުދާރީކުރުވުމުގެ ގޮތުން އެކުލަވާލަން ޖެހޭ ގަވައިދުތަކާއި އުސޫލްތައް އަދި ނިޒާމްތައް އެކުލަވާލުމާއި އެކަންކަމާ ގުޅޭ ގޮތުން ނެރެން ޖެހޭ އަމުރުތައް ނެރުމާއި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު މިނިސްޓަރަށް ލިބިގެންވާ ކަމަށް އެ ގާނޫނުގައި ބުނެފައިވެ އެވެ.

ކަސްޓަމްސްގެ ގާނޫނުގައިވާ ގޮތުން ކަސްޓަމްސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރުމުގައި އެންމެހައި ކަންތައްތައް ރާވައި ކަސްޓަމްސްގެ ކަންތައް ދުވަހުން ދުވަހަށް ހިންގައި ބަލަހައްޓާނެ އެންމެ އިސް ފަރާތަކީ ކޮމިޝަނާ ޖެނެރަލް ކަސްޓަމްސް އެވެ.