ބާސެލޯނާގެ ކުރީގެ ކޯޗް ޕެޕް ގާޑިއޮލާގެ ކޯޗުކަމުގައި ބަޔާން މިޔުނިކް ކުޅުނު ފުރަތަމަ ވާދަވެރި މެޗުކަމަށްވާ ޖަރުމަނު ސުޕަކަޕްގައި 4-2 އިން ބަޔާން ބަލިކޮށް ވާދަވެރި ބޮރޫޝިއާ ޑޯޓްމަންޑު ވަނީ ތަށި އުފުލައިލާފަ އެވެ.

ޗެމްޕިއަންސް ލީގު ފައިނަލްގައި މި ދިޔަ މޭމަހު ލަންޑަންގެ ވެމްބްލީގައި 2-1 ބަޔާން އަތުން ބަލިވި ޑޯޓްމަންޑު ސުޕަކަޕްގައި ރޭ ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިނީ މާކޯ ރޫސްއެވެ. އަނެއް ދެލަނޑުގެ ތެރެއިން އެއްލަނޑު ބަޔާންގެ ޑިފެންޑަރު، ޑެނީލް ވެން ބައިޓަންއަތުން ބައިކޮޅަށް ވަދެފައިވާއިރު ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިލްކޭ ގުންޑޮގާން އެވެ. އެ މެޗުގައި ބަޔާންއިން ކާމިޔާބުކުރި ދެލަނޑުވެސް އެ ކްލަބަށް ކާމިޔާބުކޮށްދިނީ، ޗެމްޕިއަންސް ލީގު ފައިނަލްގައި ބަޔާން މޮޅުވި ލަނޑު ކާމިޔާބުކޮށްދިން ޑަޗް ފޯވަޑް އާރްޔަން ރޮބޭން އެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ގާޑިއޮލާ ބުނީ، ޑޯޓްމަންޑް އަތުން ބަލިވި ކަމުގައި ވިޔަސް އަދިވެސް ބަޔާންއަށްވުރެ ޑޯޓްމަންޑު މޮޅުކަމަށް އިހްސާސް ނުކުރެވޭ ކަމަށާއި، އަދި ބުންޑެސް ލީގާ ފެށެން 10 ވަރަކަށް ދުވަސް އޮތުމުން ފާހަގަ ކުރެވުނު ކުދިކުދި މައްސަލަތައް ހައްލުކޮށް، ލީގަށް ފުރިހަމައަށް ތައްޔާރުވާނޭ ކަމަށެވެ.

ގާޑިއޮލާވަނީ، މިދިޔަ އަހަރު ބާސާއިން ވަކިވުމުގެ ކުރިން އެ ކްލަބްގެ ކޯޗުކަމުގައި ހޭދަކުރި ހަތަރު އަހަރު ދުވަހުގެ ތެރޭގައި، 13 ޓްރޮފީ ހޯދައިފަ އެވެ. އެހެން ނަމަވެސް ކްލަބްގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ސީޒަންގެ ގޮތުގައި މި ދިޔަ ސީޒަން ނިންމައިލި ބަޔާންގެ ކޯޗު ކަމުން ޔުޕް ހެއިންކެސް ވަކިކުރުމަށްފަހު ގާޑިއޮލާއާ ހަވާލުވި މަސައްކަތަކީ ބުރަ މަސައްކަތަކަށް ވެގެންދާނޭ ކަމަށް ފުޓްބޯޅައިގެ ތަޖްރިބާކާރުން ދެކެއެވެ.

ރޭގެ މެޗުގައި ބަޔާންގެ މުހިއްމު ދެ މިޑްފީލްޑަރުން ކަމަށްވާ، ފްރެންކް ރިބެރީއާއި، ބަސްޓިއަން ޝްވެއިންސްޓެއިގާ ކުޅެފައި ނުވާއިރު ޑޯޓްމަންޑުން، ބަޔާންއަށް ބަދަލުވި، މާރިއޯ ގޮޓްޒޭއަށްވެސް އަނިޔާގެ ސަބަބުން މެޗުގައި ބައިވެރިވެފަ އެއް ނުވެއެވެ.

ޑޯޓްމަންޑްގެ ކޯޗު، ޖާގަން ކްލޮޕް ބުނީ، ރޭގެ މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ފެނިގެންދިޔައީ ވަރުގަދަ ކުޅުމެއް ކަމަށާއި، އަދި އޭނާގެ ޓީމުގެ ކާމިޔާބާ ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ ކަމަށެވެ.

ޖަރުމަނު ލީގުގައި ބަޔާން ކުޅޭ ފުރަތަމަ މެޗުގައި އޯގަސްޓް ނުވަ ވަނަ ދުވަހު ބައްދަލުކުރާނީ ބޮރޫޝިއާ މޮންޗެންގްލޭޑްބެޗްއާ އެވެ. އަދި އޭގެ އެއްދުވަސް ފަހުން ޑޯޓްމަންޑު އެ ޓީމްގެ ފުރަތަމަ ލީގު ގޭމްގައި ވާދަކުރާނީ އޯގަސްބާގްއާ އެވެ.