ތަފާތު ތިން ކަލެކްޝަނެއް ހިމެނޭ ގޮތަށް، ފުރަތަމަ ފަހަރަށް މުސްލިމް އަންހެނުން ހެދުން އަޅާ ގޮތް ދައްކުވައިދޭ ފެޝަން ޝޯއެއް ބާއްވައިފި އެވެ.

އަބާޔާ ފެޝަން ޝޯގެ ގޮތުގައި ކުރިން ބާއްވަން ހަމަޖެއްސި ފެޝަން ޝޯ "އަބާޔާ ޝޯ"ގެ ނަމަށް ބަދަލުކޮށްގެން ރޭ ބައްވާފައި ވަނީ ކުއްލިއްޔާގެ ހޯލުގަ އެވެ. ރޭ 9:30ގައި ފަށަން ހަމަޖެހިފައި އޮތް ޝޯ ފަށާފައި ވަނީ ގަޑިއެއްގެ އިރު ފަހުންނެވެ.

ތަފާތު އެކި ކަހަލަ ޓެކްނިކަލް މައްސަލަތަކާ އެކު ފެށި އަބާޔާ ޝޯގައި ރޭ ވަނީ ތިން ކަލެކްޝަނެއް ދައްކާލާފަ އެވެ. އޭގެ ތެރޭ ކެޝުއަލް ވެއާ، އޮފީސް ވެއާ އަދި އީދު ވެއާ ދައްކާލާފައިވެ އެވެ. ހަމައެކަނި ކަޅުކުލައިގެ އަބާޔާ ބޭނުންކޮށްފައިވާ އެ ޝޯގައި ދައްކާލި އަބާޔާތައް މިސްކުލް ޚައިރު ފިހާރައިން ލިބޭނެ އެވެ.

ރޭގެ ޝޯގައި ޑިޒައިންތައް ދައްކާލިއިރު، އާންމުކޮށް ފެޝަން ޝޯތަކުގައި ބޭނުންކުރާ ހުދުކުލައިގެ ލައިޓްގެ ބަދަލުގައި ބޭނުންކޮށްފައި ވަނީ ވެސް ފެހި ކުލަ އާއި ނޫކުލައަކަށްދާ ކަހަލަ ލައިޓްތަކަކެވެ.

އަންހެނުންނަށް ޚާއްސަ ކޮށްގެން ރޭ ބޭއްވި ޝޯގައި ތަފާތު ހަފްލާތަކަށް ބުރުގާ އަޅާނެ ގޮތާއި ހެއާ ސްޓައިލް ކުރާނެ ގޮތްތަކާއި އިސްތަށިގަނޑަށް ދިމާވާ ތަފާތު މައްސަލަތައް ހައްލު ކުރާނެ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވެ އެވެ.

މިސްކުލް ޚައިރާއި ލޭކޮކާ ލުކްސް ސެލޫންގެ އިތުރުން ޝަމްސީސް ބްރައިޑަލް ހިޖާބްސް އާ ގުޅިގެން ބޭއްވި ޝޯގައި ރޭ ވަނީ ޓިކެޓް ނެގި ފަރާތްތަކުގެ މެދުގައި ގުރުއަތެއް ނަގާފަ އެވެ. އަދި ގުރުއަތުން ހޮވުނު ތިން ފަރާތަކަށް ވަނީ އިނާމް ދީފަ އެވެ.

އަންހެން ސެކިއުރިޓީން ސެކިއުރިޓީ ބެލެހެއްޓި ޝޯގައި ފޮޓޯ ނެގުން މަނާކޮށްފައިވާ އިރު، އެއްވެސް ކަހަލަ އިލެކްޓްރޯނިކް ޑިވައިސްއެއް ވެއްދުން ވެސް ވަނީ މަނާކޮށްފަ އެވެ.