މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އަށް ވަނަ ދުވަހު އައްޑޫ ސިޓީގެ ގަން ޕޮލިސްޓޭޝަނަށް ގެއްލުންދީ އެތަނުގައި ހުޅުޖެހި މައްސަލައިގެ ތުހުމަތުގައި ތިން ކުއްޖެއްގެ މައްޗަށް ދައުލަތުން ކުރި ޓެރިޒަމްގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ޖުވެނައިލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ އެ ތިން ކުދީންގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައި ވަނީ ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ) އާއި (ޅ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ)ގެ ދަށުން ކަމަށެވެ.

އެ ހުކުމްގައި ބުނެފައި ވަނީ އެ ގާނޫނުގެ ދެވަނަ މާއްދާގެ (ޅ)ގައި ބުނެފައި ވަނީ މީހުންގެ ފުރާނައަށް ނުވަތަ މުދަލަށް ގެއްލުން ލިބިދާފަދަ ގޮތެއްގައި އެއްވެސް ތަނެއްގައި ހުޅުޖެހުން ނުވަތަ އެފަދަ ގޮތަކަށް ތަނަކަށް ގެއްލުންދިނުން ކަމަށްވާ އިރު ދައުވާ ލިބޭ ތިން ކުދީން އެފަދަ އަމަލެއް ހިންގާފައިވާކަން ހެކީންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ.

އެ ތިން ކުދީންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި އަށް ހެކީންގެ ތެރެއިން ނަގާފައި ވަނީ ހަ ހެކީންގެ ހެކިބަހެ އެވެ. ދެންތިބި ދެ ހެކީން ކޯޓަށް ހާޒިރު ކުރެވިފައިނުވާތީ އެ މީހުންގެ ހެކިބަސް ނަގާފައި ނުވެއެވެ.

ޖުވެނައިލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ ހެކީންގެ ހެކިބަހުން އެނގުނުގޮތުގައި އެ ތިން ކުދީންނާއި ހެކީންނާއި ބައްދަލުވީ ބަޔަކު މީހުން ކުރަމުން ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ކަމަށްވާއިރު ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު މުޒާހަރާ ކުރުމަކީ ގާނޫނު އަސާސީގެ 32 ވަނަ މާއްދާއިން ކޮންމެ މީހަކަށް ވެސް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށެވެ.

ހެކީންގެ ހެކިބަހުން ސާބިތުވެފައި ވަނީ އެ ތިން ކުދީން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާކަން ކަމަށްވާ އިރު ދައުލަތުން ކޮށްފައިވާ ދައުވާގެ ސިފަ ބަދަލުކުރުމަކީ ފަނޑިޔާރަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ހައިކޯޓުން މީގެކުރިން ކަނޑައަޅާފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.