09 Nov 2010, 14:32
ޕްރުކްސާ އެޗްޑީސީ ހައުސިން ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ ތެރެއިން މިހާތަނަށް ނުވިކި ހުރި 14 ފްލެޓެއް ގަތުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
އެޗްޑީސީން ބުނީ، މިފަހަރު ހުޅުވާލަނީ ކޮރަލް ވިލް ހައުސިން މަޝްރޫއުގެ ފުރަތަމަ ބުރުގައި ހުޅުމާލޭގައި ތަރައްގީކުރާ 178 ފްލެޓްގެ ތެރެއިން ނުވިކި ހުރި 14 ފްލެޓް ކަމަށެވެ. އެއީ ބޮޑުމިނުގައި 630 އަކަފޫޓުގެ ދެ ކޮޓަރީގެ ފްލެޓާއި 860 އަކަފޫޓްގެ ތިން ކޮޓަރީގެ ފްލެޓުތަކެއް ކަމަށް އެޗްޑީސީން ބުނެ އެވެ.
އެ ފްލެޓުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޕްރުކްސާ އެޗްޑީސީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނަނީ، މި 14 ފްލެޓް އިމާރާތްކޮށް ނިމޭނީ އަންނަ އަހަރުގެ ޖުލައި މަހުގެ 9 ވަނަ ދުވަހު ކަމަށެވެ. އަދި ފްލެޓުތަކުގެ އަގުތައް ތަފާތުވާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެ ކުންފުނިން މިފަހަރު ހުޅުވާލި ފްލެޓުތަކުގެ އަގު އުޅެނީ 988،353ރ. އާއި 1،305،879ރ. އާ ދެމެދުގެ އަގުތަކުގައި ކަމަށް އެ އިއުލާނުގައިވެ އެވެ.
އަށާރަ އަހަރުން މަތީގެ ދިވެހިންނަށް އެކަނި ވިއްކާ މި ފްލެޓުތައް ވިއްކުމުގައި އިސްކަމެއް ދޭނީ އެއްފަހަރާ އަގު އަދާކުރާ ފަރާތްތަކަށް ކަމަށާއި އެނޫން ފަރާތްތަކަށް 15 އަހަރު ތެރޭ ފައިސާ ދެއްކުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.