އިރާގުގެ ވެރިރަށް ބަޣްދާދުގައި ދިން ބާރުގަދަ ކާރުބޮމުގެ ހަމަލާތަކެއްގައި، މަދުވެގެން 29 މީހަކު މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ބަޣްދާދުގައި ޝިއައީންގެ ބައިބޯ ޝަހަރެއްގައި ދިން އެ ހަމަލާގައި، މަރުވި 29 މީހުންގެ އިތުރުން، 100 މީހަކު ވަރަށް ބޮޑަށް ޒަހަމް ވެފައިވާ ކަމަށާއި އަދި އިތުރު މީހުންނަށް ވެސް އެކިވަރުވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް، އިރާގުގެ ފުލުހުންނާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން މައުލޫމާތުދެ އެވެ.

އެމެރިކާ އިން 2003 ވަނަ އަހަރު އިރާގަށް އަރައި އެގައުމުގެ ވެރިކަން ވައްޓައިލިފަހުން، އެގައުމުގައި ހަމަނުޖެހުންތަކުގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި އަހަރަކީ މި އަހަރެވެ. އަދި މިހާރު ވެސް ބޮމުގެ ހަމަލާތަކަކީ އެގައުމުގައި އާންމު ކަމަކަށްވީ ނަމަވެސް 2006 އަދި 2007 ވަނަ އަހަރު އެގައުމުގައި ހަރަކާތްތެރިވި ހަރުކަށި ޖަމާއަތްތަކާއި ބާޣީންނާއި ސަރުކާރާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުންތައް މަދުވެ، ހަމަޔަކައެޅެމުން ގޮސް އިރާގުގައި ހަމަނުޖެހުން އިތުރުވާން ފެށީ މިއަހަރު އެވެ. އެގޮތުން ޖުލައި މަހު އެކަނި ވެސް މިހާތަނަށް 700 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އިރާގުގެ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ، މިއަދު ދިން ހަމަލާގައި، ބޮންތައް ހަރުކޮށްފައި ވަނީ، ޝިއައީންގެ ބައިބޯ ސިޓީއެއް ކަމަށްވާ ސަދުރުގެ އިރުމަތީ ސަރަހައްދުގައި މީހުން ގިނައިން ޖަމާވާ މާރުކޭޓަކާ އެކު އެތަނުގެ ކައިރީގައިވާ ކާރު ޕާކު ކުރާ ހަތް ސަރަހައްދެއްގައި ކަމަށެވެ.