ފައިސާ އަށް ހަށި ވިއްކައި ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައެއްގެ ތަހުގީގު ނިންމައި ތިން މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީ އަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ ނ. ލަންދޫ ޗިޗަންޑާގެ، ހަސަން މުހައްމަދު 41، އާއި އދ. ފެންފުށި މާބަގީޗާގެ، މުހައްމަދު އާދަމް 50،ގެ އިތުރުން ތައިލެންޑުގެ އަންހެނެއް ކަމަށްވާ މިސް ޕޮންޕްރަޕާ ފިއަންޗަނާ 34، ގެ މައްޗަށެވެ.

އެ ތިން މީހުންގެ މައްޗަށް ދަޢުވާކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ މި އަހަރުގެ މާޗް 19 ވަނަ ދުވަހުގެ ވަގުތެއްގައި ހ. ދިއްގާމާގޭގައި ހަދާފައި ހުރި "ރިލެކްސް އެންޑް ކެންގަރޫ އިން" ކިޔާ ތަނެއްގައި ފައިސާ އަށް ހަށިވިއްކައި ބަދުއަޚުލާގީ އަމަލު ހިންގަމުން ދިޔަ މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލައިގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނީ މި ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.