ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެ ރަށަކުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހަ އަހަރުގެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހއ. މާރަންދޫން ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އަދި ހދ. ކުޅުދުއްފުށިން 15 އަހަރުގެ އަންހެން ކުއްޖަކާމެދު ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި 18 އަހަރުގެ މީހަކު މިމަހުގެ 17 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މާރަންދޫން ހައްޔަރުކުރި މީހާ ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅޭ ގޭގައި ހުއްޓައި ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު ކުޑަކުއްޖަކާ މެދު ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން މިމަހުގެ 26 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

ހައްޔަރުކުރި 24 އަހަރުގެ ފިރިހެން މީހާއަކީ 2008 ވަނަ އަހަރު ލ. މާބައިދޫގައި ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން އެމީހާގެ މައްޗަށް އެއްވެސް ހުކުމެއް ކުރިކަން އެނގިފައެއް ނުވެ އެވެ.