ކުވައިތު (ޖުލައި 29): ކުވައިތުގައި އައު ޕާލަމެންޓެއް ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައި ވަނީ ޤަބީލާތައް ތަމްޘީލްކުރާ ކެންޑިޑޭޓުންނާއި ކޮންޒަވެޓިވް ޚިޔާލުގެ ކެންޑިޑޭޓުންކަން އެ އިންތިޚާބުގެ ނަތީޖާއިން ހާމަވެއްޖެ އެވެ.

ކުވައިތުގެ އިންތިޚާބުގެ ކަންތައްތަކާ ބެހޭ އެންމެ މަތީ ކޮމިޓީގެ ވެރިޔާ އަޙްމަދުލްޢުޖައިލު ވިދާޅުވީ ޤަބީލާތަކާއި ކޮންޒަވެޓިވް ޖަމާއަތްތަކުގެ ކެންޑިޑޭޓުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު އިންތިޚާބުގައި އެންމެބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހުނީ ޝިޔަޢީން ތަމްޘީލްކުރާ ކެންޑިޑޭޓުން ކަމުގަ އެވެ. ކުރީންގެ ޕާލަމެންޓްގައި ޝިޔަޢީންނަށް 17 ގޮނޑި ކާމިޔާބު ކުރެވިފައިވީ ނަމަވެސް މިފަހަރުގެ އިންތިޚާބުގައި އެމީހުންނަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ ހަތް ގޮނޑިކަމަށާ އެއްވެސް ޕާޓީއަކަށް ޕާލަމެންޓްގެ އަޣްލަބިއްޔަތު ލިބިފައިނުވާ ކަމަށް އަޙްމަދުލްޢުޖައިލު ވިދާޅުވި އެވެ.

ކުވައިތުގެ ޕާލަމެންޓްރީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއްޔެ އިޢްލާން ކުރުމާ ގުޅިގެން އެގައުމުގެ ބޮޑުވަޒީރު ޖާބިރުލްމުބާރިކް އާއި އޭނާގެ ސަރުކާރުގެ ކެބިނެޓްގެ މެންބަރުންވަނީ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ. މިއީ ކޮންމެ އިންތިޚާބަކަށްފަހު ވެސް އައު ސަރުކާރެއް އެކުލަވާލުމަށް ޓަކައި އަޅާ އިޖުރާއީ ފިޔަވަޅެކެވެ.

ކުވައިތުގެ އަމީރު އައްޝައިޚް ސަބާޙުލްއަޙްމަދު، އެގައުމުގެ އައު ސަރުކާރުގެ ބޮޑުވަޒީރަކަށް ވެސް އައްޔަން ކުރައްވާނީ ޝާހީ ޢާއިލާގެ މެންބަރެއް ކަމަށްވާ ކުރީގެ ވެސް ބޮޑުވަޒީރު ޖާބިރުލްމުބާރިކް ކަމަށް ވަނީ ލަފާކުރެވިފަ އެވެ. ކުވައިތުގެ ދަސްތޫރު ބުނާގޮތުން އެގައުމުގެ ބޮޑުވަޒީރުކަމާއި އަދި ކެބިނެޓްގެ މުހިއްމު ވުޒާރާތަކުގެ ވަޒީރުކަމަށް ޝާހީ ޢާއިލާގެ މެންބަރުން ފިޔަވައި އެހެން ރައްޔިތުން އައްޔަނެއް ނުކުރެވޭނެ އެވެ.

އިދިކޮޅު އިސްލާމީ ޚިޔާލުގެ ޕާޓީތަކާއި ޢިލްމާނީ ޚިޔާލުގެ ޕާޓީތަކުގެ ތެރޭން އެންމެ ޕާޓީއެއް ފިޔަވައި އެހެން ހުރިހާ ޕާޓީތަކަކުންވެސް ވަނީ މިދޔަ ހޮނިހިރު ދުވަހު ބޭއްވި ޕާލަމެންޓްރީ އިންތިޚާބު ބޮއިކަޓްކޮށްފަ އެވެ. ކުވައިތުގެ ދާޚިލީ ވުޒާރާއިން ބުނީ އިދިކޮޅު ގިނަ ޕާޓީތަކުން މިއިންތިޚާބު ބޮއިކަޓް ކުރި ނަމަވެސް ރައްޔިތުންގެ ގިނަ ބަޔަކު ވޯޓުލުމުގައި ބައިވެރިވެފައިވާ ކަމުގަ އެވެ. ކުވައިތުގައި އައު ޕާލަމެންޓެއް އިންތިޚާބު ކުރީ މިދިޔަ ޑިސެމްބަރު މަހު ބޭއްވި ޕާލަމެންޓްރީ އިންތިޚާބަކީ ސައްޙަ އިންތިޚާބެއް ނޫން ކަމަށް ދަސްތޫރީ ކޯޓުން ނިންމުމާ އެކު މިދިޔަ ޖޫން މަހު ޕާލަމެންޓް އުވާލުމަށް އެގައުމުގެ އަމީރު އައްޝައިޚް ސަބާޙުލްއަޙްމަދު ނިންމެވުމާ ގުޅިގެންނެވެ.

އިދިކޮޅު ޕާޓީތަކުން ކުވައތުގެ ޕާލަމެންޓްރީ އިންތިޚާބު ބޮއިކަޓްކުރީ އިންތިޚާބުގެ ވޯޓުގެ ނަތީޖާއާ ކުޅުމުގެ ފުރްސަތު އެގައުމުގައި ރަސްކަންކުރާ ޝާހީ އާއިލާ އަށް ލިބިދޭ ގޮތަށް އިންތިޚާބުތަކާބެހޭ ޤާނޫނު އޮތުމުގެ ސަބަބުން ކަން އެޕާޓީތަކުންވަނީ ހާމަކޮށްފަ އެވެ. ކުވައިތަކީ އިންތިޚާބުކުރާ ޕާލަމެންޓެއް އޮންނަ ގައުމެއް ނަމަވެސް އެގައުމުގެ ވެރިކަމުގެ ހުރިހާ ބާރުތަކެއް ވަނީ މީގެ 250 އަހަރުން ފެށިގެން ވިރާޘީ ގޮތެއްގައި ވެރިކަން ކުރަމުން ގެންދާ އެގައުމުގެ ޝާހީ އާއިލާގެ މުށުތެރޭގަ އެވެ. (އަލްޖަޒީރާ)