ޤާހިރާ (ޖުލައި 29: މިސްރުގައި މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް އެގައުމުގެ ސިފައިންނާއި ފުލުހުން ބަޑިޖަހައި މީހުން މަރަމުން ގެންދާ މައްސަލަ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗް އިން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.

އެޖަމާއަތުން ބުނީ ޤާހިރާގެ މަދީނަތުއްނަސްރުގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނުގައި މުޒާހަރާ ކުރަމުން ގެންދިޔަ ފަރާތްތަކާ މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މިސްރުގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި 72 މީހުން މަރާލާފައިވާ ކަމުގަ އެވެ. މިއީ އިންސާނުންގެ ޙަޔާތަށާއި އިންސާނުންގެ ފުރާނައާއި ކަރާމާތަށް މިސްރުގެ ސަލާމަތީ ބާރުތަކުން އިހާނާތްކުރާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށާ މިއީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއް ކަމަށް ވެސް ހިއުމަން ރައިޓްސް ވޮޗް އިން ސިފަކޮށްފައިވެ އެވެ.

މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ އަލުން ވެރިކަމަށް ގެނައުމަށް ގޮވާލައި މުޒާހަރާކުރަމުން ގެންދާ ފަރާތްތަކާއި މިސްރުގެ ސަލާމަތީ ބާރުތަކާ ދެމެދު ފާއިތުވި ތިން ދުވަހުގެ ތެރޭގައި ހިނގި ކުރިމަތިލުންތަކުގައި 139 މީހުން މަރުވެފައިވާއިރު މުރުސީ އަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް ބަޑިޖަހައި މީހުން މެރިކަމުގެ ތުހުމަތު ދާޚިލީ ވަޒީރު މުޙައްމަދު އިބްރާހީމް އާއި ދިފާޢީ ވަޒީރު އަދި ސިފައިންގެ ވެރިޔާ ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ ގެ މައްޗަށްވަނީ ކުރެވިފަ އެވެ. ނަމަވެސް މިސްރުގެ ސަލާމަތީ ބާރުތަކުން ވަނީ މުރުސީ އަށް ތާއީދުކުރާ ފަރާތްތައް މެރުމުގެ ނިޔަތުގައި އެމީހުންގެ ގަޔަށް ބަޑިޖެހިކަމަށް އިންކާރުކޮށްފަ އެވެ.

އަނެއްކޮޅުން ސަލާމަތީ ކަންތައްތަކުގައި މިސްރުގެ ބޮޑުވަޒީރު ޙާޒިމް އަލް ބިބްލާވީ އަށް އިތުރު ބާރުތަކާއި އިޚްތިޔާރުތައްދޭ ރިޔާސީ އަމުރެއް މިސްރުގެ ވަގުތީ ރައީސް ޢަދްލީ މަންސޫރު އިއްޔެވަނީ ނެރުއްވާފަ އެވެ. ޢަދްލީ މަންސޫރު ނެރުއްވި ރިޔާސީ އަމުރުގައި އާންމުން ހައްޔަރުކުރަން ޖެހޭ ޙާލަތްތަކުގައި އެކަންކުރުމަށް ޢަސްކަރީ ސިފައިންގެ ކިބައިން އެދުމުގެ ބާރާއި އިޚްތިޔާރު ވެސް ބޮޑުވަޒީރު ޙާޒިމް އަލް ބިބްލާވީ އަށް ދީފައިވެ އެވެ. މަންސޫރު މި އަމުރު ނެރުއްވާފައި މިވަނީ މިސްރުގެ އަމްނާއި ސަލާމަތަށް ނުރައްކާވާ ޢަމަލުތައް ހިންގާ ފަރާތްތަކާ ދެކޮޅަށް މިހާރަށްވުރެ ވެސް ބޮޑަށް ބާރުގެ ބޭނުން ކުރާނެކަމުގެ އިންޒާރު ދާޚިލީ ވަޒީރު މުޙައްމަދު އިބްރާހީމް ދެއްވާފައިވަނިކޮށެވެ.

މިސްރުގެ ސަލާމަތީ ކަންތައްތަކުގައި ބޮޑުވަޒީރަށް އިތުރު ބާރުތައް ދިނުމާއި މުޒާހަރާކުރާ އާންމުން ހައްޔަރު ކުރުމަށް ސިފައިންގެ ކިބައިން އެދުމުގެ އިޚްތިޔާރު ބޮޑުވަޒީރަށް ލިބިދޭ ރިޔާސީ އަމުރެއް ވަގުތީ ރައީސް އަދްލީ މަންސޫރު އިއްޔެ ނެރުއްވުމަކީ މިސްރުގެ ޙާލަތު މިހާރުއޮތް ނާޒުކު މިންވަރު ހާމަކޮށްދޭ ކަމެއްކަމަށް ވަނީ ބެލެވިފަ އެވެ. މުރުސީއަށް ތާއީދުކުރާ ފަރާތްތަކުން ޤާހިރާގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނުގައި އިޙްތިޖާޖްތައް ކުރަމުންގެންދާތާ ތިންހަފްތާއަށް ވުރެ ގިނަދުވަސްވެފައިވާ އިރު މުރުސީ އަލުން ވެރިކަމަށް ރުޖޫޢަ ނުކުރަނީސް އިޙްތިޖާޖްތައް ހުއްޓާނުލާނެ ކަމަށް އެމީހުން ބުނެއެވެ.

އަނެއްކޮޅުން މުރުސީއާ އިދިކޮޅު ފަރާތްތަކުން ވެސް ޤާހިރާގެ ތަޙްރީރު މައިދާނުގައި ސިފައިންނަށް ތާއީދުކޮށް މުޒާހަރާ ކުރަމުންގެންދާއިރު އިސްކަންދަރިއްޔާ ފަދަ މިސްރުގެ ބޮޑެތި އެހެން ސިޓީތަކުގައިވެސް ހަމަނުޖެހުންތައް ދަނީ ފެތުރެމުންނެވެ. (އަލްޖަޒީރާ)