29 Jul 2013, 11:19
ހިފާފައިވާ ޤުދްސު (ޖުލައި 29): ފަލަސްތީނާ އެކު ސުލްޙައިގެ ވާހަތައް އަލުންފެށުމަށް މަގުފަހި ކުރުމުގެ ގޮތުން ފަލަސްތީނުގެ ބައެއް އަސީރުން މިނިވަން ކުރުމަށް އިސްރާއީލުގެ ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
އިސްރާއީލުގެ ޖަލުތަކުގައި ދިގުމުއްދަތެއް ހޭދަކޮށްފައިވާ ފަލަސްތީނުގެ ބައެއް އަސީރުން މިނިވަންކުރުމާބެހޭ ގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އެގައުމުގެ ވަޒީރުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވި ހުށަހެޅުމަށް 13 ވަޒީރަކު ތާއީދުކޮށްފައިވާ އިރު 7 ވަޒީރަކު މިކަމާދެކޮޅު ހައްދަވާފައިވެ އެވެ. ފަލަސްތީނާއި އިސްރާއީލުގެ ސުލްޙައިގެ ވާހަކަތައް އަންނަ ހަފްތާގައި ފެށޭނެ ކަމަށް ޚަބަރުލިބެ އެވެ. އެމެރިކާ މެދުވެރިއަކަށް ވެގެން ފެށުމަށް ހަމަޖެހިފައިވާ މިވާހަކަތަކުގައި ފަލަސްތީނުން ބައިވެރިވެ ވަޑައިގަންނަވާގޮތަށް ހަމަޖެހިފައި ވަނީ ސުލްހައިގެ ވާހަކަތަކުގައި ކުރިން ވެސް އިސްކޮށް އުޅުއްވި ސާއިބު ޢުރައިޤާތު ކަމަށާއި އިސްރާއީލުގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ އެގައުމުގެ ޖަސްޓިސް މިނިސްޓަރ ސީބީ ލެވްނީ ކަމަށް ޚަބަރުލިބެ އެވެ.
ފަލަސްތީނުންވަނީ އިސްރާއީލުގެ ޖަލުތަކުގައި ދިގުމުއްދަތެއް ހޭދަކޮށްފައިވާ ފަލަސްތީނުގެ އަސީރުން މިނިވަން ނުކުރަނީސް ސުލްޙައިގެ ވާހަކަތައް އަލުން ނުފަށާނެކަން ހާމަކޮށްފަ އެވެ. ފަލަސްތީނުގެ މަސްއޫލުވެރިއެއް ކަމަށްވާ ސާއިބު ޢުރައިޤާތު ވިދާޅުވީ ސުލްހައިގެ ވާހަކަތައް އަލުން ފެށުމަށްޓަކައި އިސްރާއީލުގެ ޖަލުތަކުގައި ދިގުމުއްދަތެއް ހޭދަކޮށްފައިވާ ފަލަސްތީނުގެ އަސީރުން މިނިވަންކުރަން ޖެހޭނެކަމަށާއި ވާހަކަތައް ފެށޭނީ އަސީރުން މިނިވަންކުރުމަށްފަހުގައި ކަމުގަ އެވެ.
ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރުމުގެ ސަބަބުން އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ އަށް ހާހަށް ވުރެ ގިނަ އަސީރުންހައްޔަރުކޮށްފައިވެ އެވެ. މީގެ ތެރެއިން އިސްރާއީލުން މިނިވަން ކުރުމަށް ނިންމީ 60 އަކަށްއަސީރުން ކަމަށް ވެ އެވެ. އިސްރާއީލުގެ ޖަލުތަކުގައި 30 އަހަރު ހޭދަކޮށްފައިވާ ފަލަސްތީނުގެ އަސީރުންވެސް ހިމެނެ އެވެ. (އަލްޖަޒީރާ)