29 Jul 2013, 11:18
ގއ. ގެމަނަފުށީ ފަޅުފުންކުރުމުގެ މަސައްކަތުގައި އުޅެމުން ދަނިކޮށް އެކްސްކަވޭޓަރެއް ގަނބައިގެން ގޮސް ގެއްލުންތަކެއް ވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ކައުންސިލް މެމްބަރު މުހައްމަދު ސާލިހު ވިދާޅުވީ އެކްސްކަވޭޓަރު ގަނބައިގެން ގޮސްފައި ވަނީ ފަޅުގެ އެއްގަމު ތޮށިގަނޑުގެ ބްލޮކްތައް ހަރުކުރުމަށް ފަހު އެދޭތެރެއަށް ވެލި އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 8:15 އެހައިކަންހާއިރު ކަމަށެވެ.
އެ ހާދިސާގައި އެކްސްކަވޭޓަރު އޮޕަރޭޓް ކުރަން އިން ލ. ގަން ތުނޑި ފެސްފަރު އަހްމަދު ސުޖާއު އަށް އެއްވެސް އަނިޔާއެއް ނުލިބި ވަނީ ސަލާމަތް ވެފަ އެވެ.
އޭނާ ވިދާޅުވީ އެ ހާދިސާގައި އެކްސްކަވޭޓަރުގެ ހުރިހާ ބިއްލޫރިތައް ތަޅައިގެން ގޮސް އޮޕަރޭޓަރު އަހްމަދު ސުޖާއުގެ މެއާއި ހިސާބަށް ވަޅުލެވުނު ކަމަށާއި އޭނާއަށް ސަލާމަތް ވެވުނީ ވަރަށް މަސައްކަތުން ކަމަށެވެ.
"އެކްސްކަވެޓަރުގެ ހުރިހާ ބިއްލޫރިތަކެއް ވަނީ ތަޅައިގެން ގޮސްފައި. އެ ހަދިސާގައި އެކްސްކަވޭޓަރު އޮޕަރޭޓް ކުރައިން މީހާގެ މެއާ ހިސާބަށް ވަނީ ވަޅުލެވިފައި. ދެން ވަރަށް މަސައްކަތުން އޭނާ އަށް ސަލާމަތް ވެވުނީ ތަޅައިގެން ގޮސްފައިވާ ބިއްލޫރި ގަނޑެއްގެ ދޭތެރެއިން،" މުހައްމަދު ސާލިހު ވިދާޅުވި އެވެ.
ގެމަނަފުށީގައި އެމްޓީސީސީން ހަދަމުންދަނީ 1000 ފޫޓު 300 ފޫޓުގެ ޒަމާނީ ފެންވަރުގެ ބަނދަރެކެވެ.
މުހައްމަދު ސާލިހު ވިދާޅުވީ އެކްސްކަވޭޓަރަށް ގެއްލުން ލިބުގެ ސަބަބުން މިވަގުތަށް މަސައްކަތް ހުއްޓިފައި އޮތްނަމަވެސް އެކްސްކަވޭޓަރު މަރާމާތުކޮށްގެން މަސައްކަތް ކުރެވިދާނެ ކަމަށް ލާފާކުރެވޭ ކަމަށް އެމްޓީސީސީން ބުނެފައިވާ ކަމަށެވެ.
އެމްޓީސީސީން ކުރަމުންދާ މަސައްކަތުގައި ގެމަނަފުށީ ފަޅުގެ ދެކުނު ފަރާތަށް އިތުރު ކުރި 250 ފޫޓާއި އުތުރު ފަރާތުން 80 ވަރަކަށް ފޫޓު ކޮނެފައިވާ ކަމަށް ވެސް މުހައްމަދު ސާލިހު ވިދާޅުވި އެވެ.
ގެމަނަފުށީ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.