ޕީޕީއެމްއިން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ، މިވަގުތު ޕީޕީއެމްގެ ލީޑަޝިޕުން އެ ޕާޓީ ހިންގަމުން ގެންދާ ސިޔާސަތުތަކާ ދޭތެރޭ ހިތްހަމަޖެހިވަޑައި ނުގަންނަވާތީ ކަމަށް ދޭހަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމަލުކު މެދު ދާއިރާގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ)، ވާހަކަފުޅު ދައްކަވައިފި އެވެ.

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ މިހާރުގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ތާއީދުކޮށް، ކެމްޕެއިން ވެސް ކުރެއްވި ހިސްޓޯ އިއްްޔެ ވިދާޅުވީ، އޭނާ ޕީޕީއެމްއާ ގުޅިވަޑައިގަތީ، ރައީސް މައުމޫނަށް ތާއީދު ކުރައްްވާތީ ކަމަށާއި އެހެން ނަމަވެސް މިހާރު އެ ޕާޓީ ހިންގަނީ، ރައީސް މައުމޫނުގެ ސިޔާސަތާ އެއްގޮތަށް ނޫން ކަމަށެވެ.

"އަޅުގަނޑާއި ރައީސް މައުމޫނާ ދޭތެރޭގައި ދެކެވުނު ވާހަކަތައް، އަޅުގަނޑު ބޭނުމެއް ނުވޭ، ހަގީގަތުގައި ވެސް މިވަގުތު މީޑިޔާގައި އެވާހަކަ އެއްގޮތަކަށް ވެސް ހިއްސާ ކުރާކަށް. ރައީސް މައުމޫނަކީ ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. އެހެން ނަމަވެސް މިވަގުތު ޕީޕީއެމް ހިންގަމުން ދަނީކީ، ސީދާ ރައީސް މައުމޫނުގެ ސިޔާސަތާ އެއްގޮތަކަށް ނޫން،" ހިސްޓޯ ވިދާޅުވި އެވެ.

އެމްޑީޕީއާ އެކު 2005 ވަނަ އަހަރު އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ މޭ މަހާހަމަ އަށް މަސައްކަތް ކުރެއްވުމަށް ފަހު އެޕާޓީގެ ސިޔާސަތުތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ، އެމްޑީޕީގެ ލީޑަޝިޕް އޮތީ "ކޯމާ"އެއްގައި ކަމަށްވިދާޅުވެ ޕީޕީއެމްއާ ގުޅިވަޑައިގެންނެވި، ހިސްޓޯ ވިދާޅުވީ، އެމްޑީޕީން ވަކިވެ ޕީޕީއެމްއާ ގުޅުނު ގުޅުމާއި ޕީޕީއެމް އިން ޖޭޕީ އަށް ބަދުލުވި ބަދަލުވުމަކީ އުޑާ ބިމާހާ ތަފާތު ދެ ބަދަލުވުން ކަމަށެވެ.

"އެމްޑީޕީގެ ސިޔާސަތުތަކަކީ، އެއްގޮތަކަށް ވެސް އަޅުގަނޑަށް ކަމުނުދާ ސިޔާސަތުތަކެއް ކަމަށްވާތީ ފާޅުގައި ނުކުމެ މީޑިއާގައި އެމްޑިޕީގެ ސިޔާސަތުތަކަށް އަޅުގަނޑު ފާޑުކިޔައި އެމްޑީޕީގެ ނިންމުންތަކާ ދެކޮޅަށް މަސައްކަތް ކުރި މީހެއްކަން ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، " ހިސްޓޯ ވިދާޅުވި އެވެ. "އެހެންވީމާ، އެ ބަދަލުވުމާއި، މި ބަދަލުވުމާ، އުޑާ ބިމާހާ ތަފާތު އެބަހުރިކަން، ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މި ބަދަލުވުން ބަދަލުވެގެން އައި ގޮތުން."

ހިސްޓޯއާ ސަންއިން ކުރި ސުވާލުގެ ޖަވާބުގައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވިދާޅުވީ، ހިސްޓޯ ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި ސަބަބު ވަރަށް ސާފު ކަމަށާއި، އެއީ މިވަގުތު ޕާޓީގެ ލީޑަޝިޕާ ދޭތެރޭގައި ހިތްހަމަ ޖެހިވަޑައި ނުގަންނަވާތީ ކަމާށެވެ.

"ވަރަށް ރަނގަޅަށް އިންޓެލިޖެންޓްކޮށް ވިސްނައިފިއްޔާ އެ ވިދާޅުވި އެއްޗެއް ވަރަށް ރަނގަޅަށް އެބަ އެނގެއެއް ނޫންތޯ. މިހާރު ޕާޓީ ހިނގަމުންދަނީ، ރައީސް މައުމޫނުގެ ޕޮލިސީއާ އުސޫލުތަކާ އެއްގޮތަކަށް ނޫނޭ ތިމަންނަ ދެކިވަޑައިގަންނަވާ ގޮތުގައި. އެނޫންތޯ އެޕާޓީން ކެނޑިވަޑައިގަންނަވަން ވިދާޅުވި ސަބަބަކީ،" ގާސީމް ވިދާޅުވިއެވެ. "ޝިފާގު ދެއްކެވި ވާހަކަފުޅުން ވަރަށް ރަނގަޅަށް އެކަން ވިދާޅުވެ ދެއްވި ދެއްތޯ. އަޅުގަނޑުމެން މިހެން އަޑުއަހަން ތިބިއިރު އަޅުގަނޑުމެންނަށް ވަރަށް ރީތިކޮށް ބްލެކް-އެންޑް-ވައިޓްކޮށް، އެނގުނީމަ އެވާހަކަ ދަންނަވާލީ."

ގާސިމް ވިދާޅުވީ ޝިފާގުމެން ފަދަ ގާބިލު ބޭފުޅުން ވާހަކަފުޅު ދައްކަވާ އިރު އާދައިގެ ލެވެލްއަށް ނުދާނޭ ކަމަށާއި އެބޭފުޅުން ވާހަކަފުޅު ދައްކަވާނީ އެއަށް ވުރެ އިލްމީ ލެވެލްއެއްގައި ކަމަށެވެ.

"އަޅުގަނޑަށް ވެސް ފުރަތަމަ ތިހެން ހިތަށްއެރި، އެންމެ ފުރަތަމަ ވިދާޅުވި އެއްޗަކަށް. ދެން ފަހުން އެކަމަކު މިބައި ގެންނެވީމާ އަޅުގަނޑަށް ވަރަށް ރީތިކޮށް ދެކޮޅުޖެހިގެން، ހަމަޖެހިގެން ދިޔަ. އަދި އޭގައި ޝައްކުކުރާނޭ ޖާގައެއް ވެސް ނެތް. ރައީސް މައުމޫނުގެ ޕޮލިސީއެއް ނޫން، މިހާރުގެ ރިޔާސީ ކެންޑިޑޭޓަކަށް ޔާމީން ވަޑައިގެން އެތާ އެ ހިންގަވަނީކީ، އެވާހަކަ ކަން ނޭނގެ އެވިދާޅުވަނީ،" ގާސިމް ވިދާޅުވި އެވެ. "ދެން އަޅުގަނޑެއް ނޫން ކޮންމެހެން އެވާހަކަ މި ދެންނެވީކީ، ޝިފާގު އެ ވާހަކަ ވިދާޅުވީ." ގާސިމް ވިދާޅުވި އެވެ.