29 Jul 2013, 11:07
ރ. ދުވާފަރު ޒުވާނުންގެ ގްރޫޕެއް ކަމަށްވާ ކޮމްބިނޭޝަންއިން އިންތިޒާމްކޮށްގެން ބާއްވާ "ކޮމްބިނޭޝަން، ތްރީ އޮން ތްރީ ފުޓްބޯޅަ ޓޯމަންޓް 2013" މިމަހުގެ 23 ވަނަ ދުވަހު ފަށައިފި އެވެ.
ދުވާފަރު ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް ލޯބި އިތުރު ކުރުމާއި، އެރަށުގެ ޒުވާނުންގެ ފުޓްބޯޅައިގެ ހުނަރުތައް ދައްކާލުމަށް 2012 ވަނަ އަހަރު ތައާރަފް ކުރި ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ އަހަރު 23 ޓީމަކުން ވާދަކޮށްފައިވާ އިރު މިއަހަރުގެ މުބާރާތުގައި ޖުމުލަ 34 ޓީމަކުން ވާދަކުރެ އެވެ.
މި މަހުގެ 23އިން އަންނަ މަހުގެ ދޭކަށް ކުރިއަށް ގެންދާ އެމުބާރާތުގައި ޖުމުލަ 135 މެޗު ކުޅުމަށް ހަމަޖެހިފައިވާ އިރު މުބާރާތް ކުރިއަށް ދެންދާނީ، ޓީމްތައް ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި މުބާރާތުގެ މެޗުތައް ހަވީރު ހަ މެޗު، ރޭގަނޑު 12 މެޗު ކުޅުމަށް ހަމަޖެހިވާއިރު މެޗެއްގެ ދިގުމިނަކީ ހަތް މިނިޓުގެ ދެހާފް އަދި ބްރޭކަށް އެއްމިނިޓް، ޖުމުލަ 15 މިނިޓެވެ.
ދުވާފަރު ކޮމްބިނޭޝަން އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ސިލްވަ ޔުނައިޓެޑެވެ.