29 Jul 2013, 11:02
ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނާއި މ. އަރާރޫޓުވިލާ އަހްމަދު ހާޝިމް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ 14 މިލިއަން ރުފިޔާގެ ޑިމާންޑު ލޯނަށް ފައިސާ ނުދެއްކުމުން ޖޫރިމަނާ އަށް އަރާފައިވާ ފައިސާއާ އެކު ހަތް މަސް ދުވަހުގެ ތެރޭގައި ލޯނު ނުދައްކައިފި ނަމަ ރަހުނުކޮށްފައިވާ ދެ ގެއެއް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދީފި އެވެ.
ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ ތަލްހަތާއި އަހްމަދު ހާޝިމް ބީއެމްއެލް އިން ނަގާފައިވާ ލޯނަށް ކަނޑައެޅިފައިވާ ގޮތަށް ފައިސާ ނުދެއްކުމުން ބުރާސްފަތި ދުވަހާ ހަމައަށް ޖޫރިމަނާ އާ އެކު ޖުމްލަ 27.6 މިލިއަން ރުފިޔާ އަރާފައިވާ ކަމަށެވެ.
ސިވިލް ކޯޓުގެ ހުކުމްގައި އެ ފައިސާ ދެއްކުމަށް ހަތް މަސް ދުވަހުގެ މުހުލަތެއް ވަނީ ތޮލްހަތާއި އަހްމަދު ހާޝިމް އަށް ދީފަ އެވެ. އަދި އެ ފައިސާ އެ މުއްދަތުގެ ތެރޭގައި އެކީ އެއްފަހަރާ ދައްކައި ޚަލާސް ނުކޮށްފި ނަމަ ރަހުނުކޮށްފައިވާ މ. ވީނަސް ގޯއްޗާއި މއ. އަރާރޫޓުވިލާ ގޯތި ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ވަނީ ބީއެމްއެލް އަށްދީފަ އެވެ.
".... މިފައިސާ ދެއްކުމަށް މި ދެވުނު ހަތް މަސް ދުވަހުގެ މުއްދަތު ހަމަވާ އިރު، މިފައިސާ އެއްކޮށް ދައްކައި ޚަލާސް ކުރެވިފައި ނުވާ ނަމަ، މި ލޯނުގައި ރަހުނު ކުރެވިފައިވާ 'މ. ވީނަސް' އެވެ، ކިޔާ ގޯއްޗާއި 'މއ. އަރާރޫޓްވިލާ' އެވެ، ކިޔުނު ގޯތި ރަހުނު އެއްބަސްވުމުގައިވާ ގޮތުގެމަތީން ވިއްކާލުމުގެ ހުއްދަ ބޭން އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑަށް ލިބިގެންވާ ކަމަށް ހުކުމްކޮށްފީމެވެ،" ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ބުނެފައިވެ އެވެ.