09 Nov 2010, 14:09
މިލޭނިއަމް ޑިވެލޮޕްމެންޓް ގޯލްސް (އެމްޑީޖީ) ނުވަތަ ސާސްކަފްގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން އދ. އަށް 38550ރ. ހަދިޔާކޮށްފި އެވެ.
ރާއްޖޭގައި ހުންނަ އދ ގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނަނީ، 38550ރ. (3000 ޑޮލަރު) އެސްޓީއޯ އިން ހަދިޔާކުރީ ސާސްކަފުގެ ލަނޑުދަނޑިތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުމަށް އެޑްވޮކެސީ މެޓީރިއަލް ތައްޔާރުކުރުމަށް ކަމަށެވެ.
އެސްޓީއޯ އިން އދ އަށް މި ފައިސާ ހަދިޔާކުރުމުގެ ރަސްމިއްޔާތުގައި އދގެ ފަރާތުން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓާ އަދި ޑަބްލިއު އެޗްއޯގެ ރެޕްރެސެންޓޭޓިވް ޑރ.ޖިއޯޖް ލޫނާ ވިދާޅުވީ، ސާސްކަފްގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ރާއްޖެ ކުރިއަށްދާ މަގު ރަނގަޅު ނަމަވެސް، އެކަން ދަމަަހައްޓާ އަދި ހާސިލްނުކުރެވި ހުރި ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި މުޖުތަމައުގެ ހުރިހާ ދާއިރާއަކުން އެހީތެރިކަން ބޭނުންވާ ކަމަށެވެ. އަދި އެސްޓީއޯން ދިން އެހީތެރިކަމަށް ޝުކުރު އަދާކުރެއްވި އެވެ.
އެސްޓީއޯގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ނުވަތަ އިޖްތިމާއީ ޒިންމާގެ ދަށުން ދިން މި އެހީތެރިކަމާ ގުޅޭ ގޮތުން ސީ.އީ.އޯ ސަނާ މަންސޫރް ވިދާޅުވީ، އ.ދ ގެ އެޑްވޮކެސީ ޕްރޮޖެކްޓް ފަދަ ކަންކަމަކީ މުޖްތަމައުގެ ކުރިއެރުމަށް ފައިދާ ކުރާ ޕްރޮޖެކްޓްތަކެއް ކަމަށާއި އެކަމުގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ އެސްޓީއޯ ނަމޫނާއެއް ކަމަށް ބަލައިގެން ރާއްޖޭގައި ޕްރައިވެޓް ސެކްޓާ އިން ވެސް ގައުމުގެ ތަރައްގީގައި ބައިވެރިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޑރ. ލޫނާ ވިދާޅުވި އެވެ.
ސާސްކަފް ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރޭގައ ހިމެނެނީ އަށް ކަމެކެވެ. އެއީ ފަގީރުކަން ނައްތާލުމާއި، ފަށާ ތައުލީމު އެންމެންނަށް ފޯރުކޮށްދިނުމާއި، ދެޖިންސުގެ ހަމަހަމަކަން ގާއިމްކުރުމާއި، ވެހިއުމުގައި މަރުވާ ކުދިންނާއި ޅަ އުމުރުގައި މަރުވާ ކުދިންގެ އަދަދު މަަދުކުރުމާއި އެޗްއައިވީ އެއިޑްސް އަދި ނުރައްކާތެރި ބަލިތައް ނައްތާލުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ އިތުރަށް ތަރައްގީ ހާސިލްކުރުމަށް ބައިނަލްއަގްވާމީ ޕާޓްނާޝިޕް ގާއިމްކުރުމެވެ.
މި ލަނޑުދަނޑިތަކުގެ ތެރެއިން ރާއްޖެ އެންމެ ފަހަތުގައި އޮތީ ދެޖިންސުގެ މެދުގައި ހަމަހަމަ ގާއިމް ކުރުމުގެ ބައިން ކަމަށް އ.ދ އިން ބުނެ އެވެ.