29 Jul 2013, 03:22
ވިމެންސް ޔޫރޯ 2013ގެ ފައިނަލްގައި ނޯވޭ 1-0 އިން ބަލިކޮށް ޖަރުމަނު އެ މުބާރާތް ޖެހިޖެހިގެން ހަވަނަ ފަހަރަށް ކާމިޔާބު ކޮށްފި އެވެ.
ސްވިޑްންގެ ވެރިރަށް ސްޓޮކްހޮމްގައި މިރޭ ކުޅުނު ފައިނަލްމެޗުގައި، ޖަރުމަނުގެ ކެޕްޓަން އަދި ގޯލްކީޕަރު، ނެޑީން އެންގެރާ ވަނީ، ނޯވޭއަށް ލިބުނު ދެ ޕެނަލްޓީ މަތަކޮށްފަ އެވެ. މިހާރު އުމުރުން 34 އަހަރުގެ ޖަރުމަން ގޯލް ކީޕަރު ބައިނަލްއަގްވާމީ ފުޓްބޯޅައަށް ނުކުތީ އުމުރުން 17 އަހަރުގަ އެވެ. އޭގެ ފަހުން އޭނާ ވަނީ ޔޫރަޕިއަން ޗެމްޕިއަންޝިޕް ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ.
ފައިނަލް މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ޖަރުމަނަށް ކާމިޔާބުކޮށްދިނީ، ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް އަންޖާ މިއްތަގު މެޗުގެ 49 ވަނަ މިނިޓުގަ އެވެ. ނޯވޭއިންވެސް ވަނީ ފަހުހާފުގެ މެދެއްހާ ތާނގައި، މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ރަނުގެ ފުރުސަތެއް ހޯދާފަ އެވެ. އެހެން ނަމަވެސް އަދާ ހެގަބާގް ޖަރުމަނުގެ ގޯލްތެރެއަށް ފޮނުވާލި ބޯޅަ، ރެފްރީ ނިންމީ އޮފްސައިޑް ގޯލެއް ކަމަށެވެ.
ޖުމުލަ 12 ޓީމު ވާދަކުރާ ޔޫރަޕްގެ އަންހެނުންގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، މިހާތަނަށް 11 ފަހަރު ބޭއްވިފައި ވާއިރު އެ މުބާރާތުގެ އެންމެ ކާމިޔާބު ކްލަބް ކަމަށްވާ ޖަރުމަނު ވަނީ، މުބާރާތުގެ ތަށި އަށް ފަހަރު ކާމިޔާބު ކޮށްފަ އެވެ. 1984 ވަނަ އަހަރު ބާއްވަންފެށި ޔޫރަޕްގެ އަންހެނުންގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ޖަރުމަނު ފިޔަވައި، ކާމިޔާބު ކުރީ، މުބާރާތުގެ ފުރަތަމަ ފަހަރު ސްވިޑްން އަދި އަދި އޭގެ ފަހުން، ނޯވޭ ދެފަހަރު އެވެ.
މިމަހުގެ 10 ން 28 އަށް ސްވިޑްންގައި ކުރިއަށް ގެންދިޔަ، ވިމެންސް ޔުރޯ 2013ގެ ފައިނަލުން ޖަރުމަނު ޖާގަ ހޯދީ ސެމީ ފައިނަލްގައި މުބާރާތް ބޭއްވި ގައުމު އަތުން މޮޅުވެގެންނެވެ. އަދި ނޯވޭ ފައިނަލުން ޖާގަ ހޯދީ، ޑެންމާކު އަތުން މޮޅުވެގެންނެވެ.