29 Jul 2013, 01:16
ދިރާގު ދިވެހި ލީގުގެ ފަހު މެޗުގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 1-0 މޮޅުވެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ލީގުގައި ކުޅުނު ހުރިހައި މެޗަކުން 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑާއެކު ލީގު އައްޑަނަ އުފުލާލައިފި އެވެ.
ދިވެހި ލީގުގައި ނިއުރޭޑިއަންޓް ކުޅުނު 19 މެޗުން މޮޅުވެ 57 ޕޮއިންޓް ހޯދާފައިވާއިރު މިއީ ދިވެހި ލީގުގައި މިހާތަނަށް ލީގުގައި ލިބެންހުރި ހުރިހާ ޕޮއިންޓެއް ހޯދައިގެން ކުލަބަކުން ލީގު އައްޑަނަ އުފުލައިލި ފުރަތަމަ ފަހަރެވެ. އަދި ލީގުގައި ކުޅުނު ހުރިހާ މެޗެއްގައި ނިއުގެ ކޮޅަށް އެންމެ ފަސް ލަނޑު ވަދެފައިވާއިރު އެކުލަބުން ވަނީ އިދިކޮޅު ޓީމުތަކުގެ ގޯލަށް 73 ލަނޑު ވައްދައިލާފަ އެވެ.
ނިއުއިން މިރޭގެ މެޗު ކާމިޔާބު ކުރުމާއެކު އެ ކްލަބް ދިވެހި ލީގުގައި މެޗަކުން ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ވަނީ 38 އަށް އަރާފަ އެވެ. އެގޮތުން އެ ކްލަބް އެންމެ ފަހުން ލީގު މެޗަކުން ބަލިވެފައި ވަނީ، 2011 ވަނަ އަހަރު މޭމަހުގެ 24 ވަނަ ދުވަހު މާޒިޔާ އަތުން 1-0 ލަނޑުންނެވެ.
ދެ ޓީމުގެ މެދުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު، މެޗުގެ 22 ވަނަ މިނިޓުގައި ނިއުއަށް ކާމިޔާބު ކޮށްދިނީ، މުހައްމަދު އުމެއިރު އެވެ. އުމެއިރު އެ ލަނޑު ކާމުޔާބު ކުރީ، މާޒިޔާގެ ޕެނަލްޓީ އޭރިޔާތެރެއަށް ނިއުގެ އަލީ ފާސިރު (ސެންޓޭ) ނަގައިދިން ރީތި ހުރަހެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މިފަހަރުގެ ދިވެހި ލީގު ނިއުއަށް ކަށަވަރުވީ ލީގުގެ ތިންވަނަ ބުރުގެ ދެވަނަ މެޗުގައި ބީޖީ ސްޕޯޓްސް އަތުން މާޒިޔާ ބަލިވި މެޗަށް ފަހު އެވެ. ލީގުގެ ދެވަނައަށް ދިޔަ މާޒިޔާއަށް 37 ޕޮއިންޓް ލިބުނު އިރު ނިއުއާއި މާޒިޔާއާ ދޭތެރޭގައި 20 ޕޮއިންޓުގެ ތަފާތެއްވެ އެވެ. 24 ޕޮއިންޓާއެކު ބީޖީ ސްޕޯޓްސް ހަތަރުވަނަ ހޯދިއިރު ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ލީގުގެ ހަތަރު ވަނައަށް ދިޔައީ އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.
މިފަހަރުގެ ލީގުގައި، ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބް ކިރިޔާ ރެލިގޭޝަނުން ސަލާމަތްވީއިރު ދިވެހި ލީގު ތިންފަހަރު ކާމިޔާބުކުރި ވަރުގަދަ ވީބީ އައްޑޫ އެފްސީ ވަނީ، ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފަ އެވެ. އަދި 22 ޕޮއިންޓާއެކު ކްލަބް ވެލެންސިޔާއަށް ލީގުގެ ފަސްވަނަ މަގާމް ހޯދުނުއިރު ލީގުގެ ހަވަނައަށް ދިޔައީ 17 ޕޮއިންޓާއެކު ކްލަބް އީގަލްސް އެވެ.