ބޭންކް އޮފް މޯލްޑިވްސްގެ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ފައިދާ 74 ޕަސެންޓް އިތުރުވެ، ހަ މަސްދުވަހުގެ ފައިދާއިން 50ރ.ގެ ހިއްސާ އަކަށް 9.29ރ. ބަހަން ނިންމައިފި އެވެ.

މިއީ 2008 ވަނަ އަހަރުގެ ފަހުން ބޭންކުން އާންމު ހިއްސާދާރުންނަށް ފައިދާ ބަހާ ފުރަތަމަ ފަހަރެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކުން ބުނީ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ފައިދާ އިން އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި 50 މިލިއަން ރުފިޔާ ހިއްސާދާރުންނަށް ބަހަން ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައިވާ ކަމަށެވެ.

"ހިއްސާދާރުންނަށް ފައިދާ ބަހަން ފެށުމާއެކު ބޭންކަށް ފައިސާ ނުދައްކާ ލޯނުތަކުގެ ސަބަބުން 2009 ވަނަ އަހަރުން ފެށިގެން ބޭންކަށް ކުރިމަތިވި ގޮންޖެހުންތަކުން މިވަނީ އަރައިގަނެވިފައި. އަދި ފަހަކަށް އައިސް ބޭންކުން ވަނީ އާމްދަނީ އާއި ހިންގުމުގެ ފައިދާ ރެކޯޑް މިންވަރަކަށް އިތުރުކޮށްފައި. ނަތީޖާއެއްގެ ގޮތުން 2012 ވަނަ އަހަރު ކުންފުންޏަށް ވަނީ ފައިދާވާން ފަށައިފަ،" އެ ބޭންކުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެ ބޭންކުގެ ގެ ސާފު ފައިދާ ގެ ގޮތުގައި 527 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ ލިސްޓްކޮަށްފައިވާ ކުންފުނިތަކުގެ ތެރެއިން ކުންފުންޏަކުން މިއަހަރުގެ މިހާތަނަށް ހޯދި އެންމެ ބޮޑު ސާފު ފައިދާ އެވެ.

އެ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހާ އަޅާބަލާއިރު ސާފު ފައިދާ 74 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ހިންގުމުގެ ފައިދާވަނީ 457 މިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ޖުމްލަ އިންޓަރެސްޓްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 2012 ގެ ފުރަތަމަ ހަ މަސްދުވަހު ލިބުނު 247 މިލިއަން ރުފިޔާއިން 275 މިލއަން ރުފިޔާއަށް އިތުރުވެފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11 ޕަސެންޓްގެ ކުރިއެރުމެކެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހިއްސާދާރުންގެ ފައިސާ ވަނީ 119 ޕަސެންޓް އިތުރުވެފަ އެވެ.

އެ ބޭންކުގެ ޖުމްލަ އެސްޓް ވަނީ 9.8 ބިލިއަން ރުފިޔާއިން 12.4 ބިލިއަން ރުފިޔާއަށް އިތުރުވެފައި ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

"މި ލިބުނު ބޮޑު ކުރިއެރުމާއެކު ބޭންކުން ނިންމާފައ ިވަނީ ދެވަނަ ކުއާޓަރުގެ ފައިދާ އުފެއްދުންތެރި ނޫން ލޯނުތަކަށް ޕްރޮވިޝަންގެ ގޮތުގައި ބަހައްޓައި ކުންފުނީގެ ބެލެންސް ޝީޓް އިތުރަށް ވަރުގަދަ ކުރުމަށް. މި ކުއާޓަރުގައި އުފެއްދުންތެރި ނޫން ލޯނުގެ ގޮތުގައި ބޮޑު ލޯނެއް އިތުރުވެފައި ނެތް ނަމަވެސް، ޕްރޮވިޝަން ހަދަން ނިންމީ ރެގިއުލޭޓްރީ މިންގަޑުތަކަށް އެންމެ ފުރިހަމައަށް އަމަލުކުރުމުގެ ގޮތުން. މިނިންމުމާއެކު ވެސް ބޭންކުގެ ފުރަތަމަ ހަ މަސްދުވަހުގެ ސާފު ފައިދާވަނީ 527 މިލިއަން ރުފިޔާއަށް އަރާފައި،" ބޭންކުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

މިކާމިޔާބީ އާއި ގުޅިގެން ބޭންކުގެ އެމްޑީ އަދި ސީއީއޯ ޕީޓަ ހޯޓަންއާ ހަވާލާދީ ބުނެފައިވަނީ " ހިއްސާދާރުންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމާއި މުވައްޒަފުންގެ ބުރަ މަސައްކަތުން ޙިއްސާދާރުންނަށް ފައިދާ ބަހަން ފެށޭކަމީ އަޅުގަނޑު ވަރަށް އުފާކުރާކަމެއް. ވަރަށް ރަނގަޅު މާލީ ނަތީޖާނެރުމާއެކު މަރުކަޒީ ބޭންކުގެ މިންގަނޑަށް ފުރިހަމައަށް ފެތޭގޮތަށް ކުންފުނީގެ ވިޔަފާރި ދެމެހެއްޓުމަށް ބޭންކުން އިތުރު ސަމާލުކަމެއް ދީފައިވާކަން މި ފުރުސަތުގައި ފާހަގަކުރަން" ކަމަށެވެ.

އޭނާ ވިދާޅުވެފައި ވަނީ ކުރިމަގުގައި ކުންފުނީގެ ފައިދާ އާއި ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތުގައި ހިފެހެއްޓޭނެ ކަމަށެވެ.

"އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ފައިދާގެ ގޮތުގައި ޙިއްސާއަކަށް 9.29 ރުފިޔާ ބެހޭކަމީ، އަހަރު ނިމޭއިރު މުޅި އަހަރުގެ ފައިދާއަށް ޙިއްސާއަކަށް ފަހުގެ ތާރީޚެއްގައި ނުލިބޭ އަދަދެއް ލިބޭނެކަން ރަމްޒުކޮށްދޭ ކަމެއް." ޕީޓާ ވިދާޅުވެފައިވެ އެވެ.

މިކާމިޔާބާއި ގުޅިގެންބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ޑރ. ޢަބްދުﷲ ޝިހާމް ވިދާޅުވީ"މިކާމިޔާބުން ދައްކުވައިދެނީ ގޮންޖެހުންތަކުން އަރައިގަނެ، ފައިދާވާ ވިޔާފާރިއަކަށް ބަދަލު ކުރުމުގެ ގާބިލުކަން އަޅުގަނޑުމެންނަށް ލިބިފައިފައިވާކަން. ކުންފުންޏަށް ކުރިއަށް އޮތީވެސް ވަރަށް އުއްމީދީ ދުވަސްތަކެއް. އެހެންކަމާއެކު އަޅުގަނޑުމެން ނިންމީހިއްސާދާރުންނަށް އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ފަންސާސް މިލިއަން ރުފިޔާ ބެހުމަށް." ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވިއެވެ."ބޭންކުގައި މިހާރު އޮތް ޓީމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި އެކަށޭނަ މިންވަރެއްގައި ބޭންކުގެ ވިޔަފާރި ކުރިއެރުވުމުގެ ގާބިލްކަން ލިބިފައިވާ ޓީމެއް. މިޓީމުގެ ބުރަ މަސައްކަތުން ހޯދި ފަހުރުވެރި ކާމިޔާބަށް އަޅުގަނޑު މަރުހަބާ ކިޔަން،" އެ ނޫސްބަޔާނުގައި ޗެއާމަނާ ހަވާލާދީ ބުނެފައިވެ އެވެ.