28 Jul 2013, 22:33
މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގައި ފުލުހަކަށް ތޫނުއެއްޗަކުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ މއ.ވިރާހް އިމްތިޔާޒް މުހައްމަދު 32، ގެ މައްޗަށެވެ.
ފުލުހުން ބުނީ އިމްތިޔާޒްގެ މައްޗަށް ދައުވާ ކުރަން ޕީޖީ އަށްފޮނުވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހުގެ ރޭ 9:59 އެހައިކަންހާއިރު އޭޑީކޭ ހޮސްޕިޓަލް ކައިރިން ފުލުހެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގައި ތޫނު އެއްޗަކުން ހަމަލަދީފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރުގެ ފެބްރިއަރީ އަށް ވަނަ ދުވަހު އެމްޑީޕީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރި މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގައި ބައެއް ރަށްރަށުގައި ހުރި ދައުލަތުގެ އިމާރާތްތަކާއި ވެހިކަލްތަކުގައި ވަނީ ހުޅުޖަހައި އަންދާލާފަ އެވެ.
ހުޅުޖަހައި އަންދާލާފައި ވަނީ އައްޑޫ ސިޓީ އާއި ގދ. ތިނަދޫގައި ހުރި ޕޮލިސްޓޭޝަންތަކާއި ކޯޓުތަކާއި އެހެނިހެން އިމާރާތްތަކުގަ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ސަރުކާރުގެ އެކި ވަޒީފާތަކުގައި އުޅޭ އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކާއި އެ ޕާޓީގެ އާންމު މެމްބަރުންތަކެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.