ރާއްޖެއަށް މިއަހަރު އެއް މިލިއަން ޓޫރިސްޓުން ގެންނަން އަނެއްކާ ވެސް އަމާޒު ހިފައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވީ މިދިޔަ އަހަރު އެއް މިލިއަން ޓޫރިސްޓުން ނުގެނެވުނު ނަމަވެސް މިއަހަރުގެ އެ އަމާޒު ހާސިލްވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"މި އަހަރުގެ ނަތީޖާ ދައްކާ ގޮތުން އެއް މިލިއަން ޓޫރިސްޓުންނަށް ވުރެ ގިނައިން ގެނެވޭނެ ކަމުގެ އުއްމީދު ބޮޑު. މިއަހަރު ރާއްޖޭގެ ޓޫރިޒަމް މިދަނީ ވަރަށް ބާރަށް ކުރިއަރަމުން،" އަދީބު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަސް ނިމުނުއިރު ފަސް ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިފެންނަނީ ޗައިނާ މާކެޓާއި މެދުއިރުމަތީގެ މާކެޓް ވަރަށް ބޮޑަށް ކުރިއަރަމުން އަންނަތަން. އެހެން ނަމަވެސް ޔޫރަޕްގެ މާކެޓް ދަށްވަމުންދޭ. ދުނިޔޭގެ އެހެން ކަންކޮޅުތަކަށް ވެސް ދަތުރުކުރާ ޔޫރަޕްގެ ޓޫރިސްޓުން މަދުވަމުންދަނީ،" އޭނާ ވިދާޅުވި އެވެ.

އަދީބު ވިދާޅުވީ މި އަހަރު ރާއްޖެ އަންނަ އެއް މިލިއަން ވަނަ ޓޫރިސްޓަށް ހާއްސަ މަރުހަބާއެއް ކިއުން އޮންނާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 539،667 އަށް ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއައިސްފައި ވަނީ 458،068 ޓޫރިސްޓުން ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ރާއްޖެއައި ޓޫރިސްޓުންގެ އަދަދު ވަނީ 17 ޕަސެންޓް އިތުރުވެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަނީ 57 ޕަސެންޓް އިތުރުވެފަ އެވެ. އެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ ގައުމުން އެކަނި 28،000 ޓޫރިސްޓުން އައިސްފައިވެ އެވެ، މިދިޔަ އަހަރުގެ ޖޫން މަހު އެ ގައުމުން އައިސް ފައި ވަނީ 17،809 ޓޫރިސްޓުންނެވެ.