އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމާ އެއްގޮތަށް ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ކޮންޓޯރޯލާ އޮފް އިމިގްރޭޝަން، ސްޓޭޓް މިނިސްޓާ އިލްޔާސް ހުސައިން އިބްރާހިމް ވިދާޅުވެފައި ވަނިކޮށް އެ ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓާނުލާ ކަމަށާއި ބާރަށް ކުރިއަށް ގެންދާ ކަމަށް މެލޭޝިޔާގެ ނެކްސް ބިޒްއިން ބުނެފި އެވެ.


ނިއުސް ވެބް ސައިޓެއް ކަމަށް ވާ ސީ ފޯވޯލްޑް ގައި ނެކްސްބިޒް އިން ބުނެފައިވަނީ ބޯޑާ ކޮންޓްރޯލް ސިސްޓަމް ޕުރޮޖެކްޓުގެ މަސައްކަތް ހުއްޓައި ނުލާ ކުރިއަށް ގެންދާކަމުގެ ރަސްމީ ލިޔުމެއް ކޮންޓުރޯލާ އިލްޔާސް ހުސައިން އިބްރާހިމްގެ ފަރާތްޕުޅުން ލިބިފައި ވާ ކަމަށެވެ. އެ ލިޔުމުގައި ރާއްޖޭގެ މީޑިއާ ގައި ފެތުރުނު ހަބަރުތަކުގެ ސަބަބުން އެ ކުންފުންޔަށް ލިބުނު ގެއްލުމަށް ޓަކައި އެ ކުންފުނީގެ ފަރާތުން މައާފަށް އެދިވަޑައިގެންފައިވާ  ކަމުގައިވެސް އެ ވެބްސައިޓްގައި ލިޔެފައި ވެއެވެ.


ނެކްސް ބިޒް އިން އެހެން ބުނި ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ކޮންޓުރޯލާ އިލްޔާސް ހުސައިން އިބްރާހީމް ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އެންޓިކޮރަޕްޝަންގެ ސިޓީގައި ވާގޮތުގެ މަތިން އެ ޕުރޮޖެކްޓުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ.


ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމުކުރުމަށް އިމިގްރޭޝަނުން ބީލަމަށް ހުޅުވާލިއިރު ބުނެފައިވަނީ އިލެކްޓްރޯނިކް ބޯޑާ ގޭޓް ސިސްޓަމަކީ އޮޓޮމޭޓެޑް ފޭޝަލް ރިކޮގްނިޝަން ޓެކްނޮލޮޖީ އާއި ފިންގަޕްރިންޓް ޓެކްނޮލޮޖީ މެދުވެރިކޮށް މީހުންގެ މައުލޫމާތު ދެނެގަނެވޭނެ ނިޒާމަކަށް ވާންޖެހޭނެ ކަމަށެވެ. ޓްރެވަލް ޑޮކިއުމަންޓް ރެކޯޑާއި ޕާސްޕޯޓާއި ވިސާ ޕާމިޓް ފިންގަޕްރިންޓް ޑޭޓާ ބޭސްގެ މައުލޫމާތު ވެސް ވަގުތުން ބެލެން ހުންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް 39 މިލިއަން ޑޮލަރަށް ނެކްސް ބިޒް ގެންނަ ގޮތަށް ސޮއިކުރި ޕްރޮޖެކްޓްގައި ހިމެނޭ ސިސްޓަމްގައި އެބައިތަކެއް ނުހިމެނެ އެވެ.


ހިޔާނާތަށް މަގުފަހިވާ މި ވާހަކަ ތަކާއި ގުޅިގެން ނެކްސްބިޒް ހިއްސާގެ އަގުވަނީ މާކެޓްގައި ހަ ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.